ބޮލީވުޑްގައި ވިދަމުން އަންނަ ބަތަލް ކާތިކް އާރްޔާންގެ ކުރިއަށް އޮތް ފިލްމު ”ފްރެޑީ“ ގެ ޓީޒާއެއް އާއްމުކޮށްފިއެވެ.
މި ފިލްމުގައި ކާތިކް ފެނިގެންދާނީ ސިއްރުން ފުރިގެންވާ ޑެންޓިސްޓެއްގެ ރޯލުންނެވެ. އާއްމު ގޮތެއްގައި މަޖާ ރޯލު ތަކުން ފެންނަ ކާތިކްގެ މި ފިލްމުގެ ޓީޒާއިން ފެނިގެންދަނީ ވަރަށް މަޑު މަޑުން އިންނަ ޑެންޓިސްޓެއްގެ ގޮތުގައެވެ.
ނުލަފާ ޒާތެއްގެ ހިންޏެއް އައިސް ޕޭޝަންޓުން ބަލަމުންދާތަން ފެންނަ މި ޓީޒާ އާއި އެކު ކާތިކްގެ ސަޕޯޓަރުން ދަނީ މި ފިލްމަށް ކެތް މަދުވެފައިވާކަން ހާމަކުރަމުންނެވެ. އެގޮތުން މި ފިލްމު ވެގެންދާނީ އޭނާގެ ފިލްމީ ޙަޔާތުގައި ކުޅޭ މުޅިން ތަފާތު ރޯލެއް ފެނިގެންދާނެ ފިލްމަކަށެވެ.
މި ފިލްމާއި ގުޅޭ ގޮތުން ކާތިކް ހާމަކޮށްފައިވާ ގޮތުގައި މި ފިލްމުގެ ރޯލު ކުޅުމަށް މީހާ ނަފްސާނީ އަދި ޖިސްމާނީ ގޮތުންވެސް ވަރަށް ބޮޑަށް ތައްޔާރުވާންޖެހުނު ކަމަށާއި މި ރޯލުގެ ސަބަބުން އަމިއްލަ މީހާ ގައިގައި ފޮރުވިފައި ހުރި ހުނަރުތައް ވެސް ކާތިކް އަށް ހާމަވެގެން ދިޔަ ކަމަށެވެ.
އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ މި ފިލްމުގެ ބަތަލާ އަކީ އަލާޔާ އިބްރާހީމް ފަރްނީޗަރުވާލާ އެވެ. މި ފިލްމު ރިލީޒް ކުރަން ހަމަ ޖެހިފައިވަނީ ޑިސެމްބަރު 2 ވަނަ ދުވަހުއެވެ.