ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގި މީހަކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގި ކަމުގެ ތުހުމަތުގައި ދަޢުވާ އުފުލީ އދ.ދިއްދޫ ރޯޝަނީ ވިލާ ޝާމިލް އާދަމްގެ މައްޗަށެވެ.
އޭނާ ދަޢުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް ކުށް ސާބިތު ކުރުމަށް ދަޢުލަތުން ހުށަހެޅި ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރާއިރު ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެހެންވެ ޙުކުމް އިއްވީ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ. ނަމަވެސް އޭނާ މިހާރު ތަންފީޒު ކުރަން ޖެހޭނީ 11 އަހަރާއި އަށް މަހާއި 17 ދުވަހުގެ ޖަލު ޙުކުމެކެވެ.