އުސޫލުތަކާ ޚިލާފަށް ހދ.ހަނިމާދޫ ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރި މައްސަލައިގައި ތިން ބޭފުޅަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ހޮޓާ ހިންގުމާއި ވިޔަފާރި ކުރުމާއި ތެލުގެ މަސައްކަތް ކުރުން ފަދަ ބޭނުންތަކަށް ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމަށް ހަނިމާދޫ ކައުންސިލްގެ އިދާރާއިން 2016 ވަނަ އަހަރުގެ ކޮށްފައިވާ އިޢުލާނާ ގުޅިގެން ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައިވާ ބިމުގެ އިތުރުން އިޢުލާން ކުރުމެއްނެތި އިތުރު 128 އަކަފޫޓުގެ ބިމެއް އެ ފަރާތަށް ކުއްޔަށް ދޫކުރި މައްސަލަ ބެލުމަށްފަހު އޭސީސީން ދަޢުވާކުރަން ފޮނުވީ ހަނިމާދޫ ކައުންސިލުގެ ރައީސް ޢަބްދުއްސައްތާރު ޙަސަނާއި ކައުންސިލުގެ ކުރީގެ ދެ މެންބަރެއްގެ މައްޗަށެވެ.
އޭސީސީން މިއަދު ބުނީ ހަނިމާދޫ ކައުންސިލްގެ އޭރުގެ ނައިބު ރައީސް އަދި މިހާރުގެ ރައީސް ޢަބްދުއްސައްތާރު ޙަސަނާއި އޭރުގެ މެންބަރަކާއި ޢާއިލީ ގޮތުން ގުޅުންހުރި އެރަށު އަމިއްލަ ފަރުދަކަށް 128 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން 2016 ވަނަ އަހަރު ފާސްކޮށްފައިވާކަން ތަޙުޤީގަށް އެނގިފައިވާ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި ލޯކަލް ކައުންސިލް އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދަޢުލަތުގެ ބިންތައް ކައުންސިލުތަކާ ހަވާލުކުރުމުގެ ގަވާއިދާއި ޚިލާފަށް އިއުލާނުކުރުމެއްނެތި އެ ބިން ކުއްޔަށް ދީފައިވާކަން ތަޙުޤީޤަށް އެނގިފައިވާ ކަމަށެވެ.
އޭސީސީން އިތުރަށް ބުނީ 15 އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭ ގޮތަށް ކުއްޔަށްދީފައިވަނީ ހުއްދަ ހޯދުމެއްނެތި ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން އެނގޭ ކަމަށެވެ.
އެހެންވެ ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާކަމަށް ސާބިތުވާތީ ކައުންސިލުގެ އޭރުގެ ރައީސް ޢަބްދުއްސައްތާރު ޙަސަނާއި ކައުންސިލުގެ ދެ މެންބަރުން ކަމަށްވާ މުޙައްމަދު ރާޟީއާއި ޙަސަން ޖަޢުފަރުގެ މައްޗަށް ދަޢުވާކޮށް ދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ބިން ކުއްޔަށް ދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240 ރ. އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5927.04 ރ. ހަނިމާދޫ ކައުންސިލުން ހޯދާފައިވާކަން އެނގެން ނެތަތީ އެ ފައިސާއާއި އަދި މިހާތަނަށް ލިބެންޖެހި ނުލިބިވާ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ހޯދުމަށް ހަނިމާދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާާ ކަމަށެވެ.