އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ގުޅިގެން ކުޅުއްވާ ޑްރާމާގައި ނުޖެހުމަށް އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނަށް ގޮވައިލައްވައިފިއެވެ.
ޝުޖާއު މި ގޮތަށް ގޮވައިލައްވާފައިވަނީ ދެންމެ ކުރެއްވި ޓުވީޓެއްގައެވެ.
ވިދާޅުވީ ނަޝީދާއި ޞާލިޙަކީ ހަމަ ”އެކައްޗެއް“ ކަމަށެވެ. އަދި ދެ ބޭފުޅުން އެއްބަސް ކިޔައިގެން މި އޮތީ ޤައުމު ވިއްކާލާފައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ އަޒުމަކަށް ވާންވާނީ މި ދެމީހުން ވެސް ބަލިކުރުން.“
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު މިއީ ޞާލިޙާއި ނަޝީދު އަނެއްކާ ވެސް ”ވަރިފަށަށް“ އަރައިގެން އުޅުއްވާ ދުވަސްކޮޅެކެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަމަށް ޞާލިޙް އިއުލާނު ކުރައްވާފައިވާއިރު ނަޝީދު މިއަދު ވަނީ ދެވަނަ ދައުރަކަށް ޞާލިޙަށް ތާއީދު ނުކުރައްވާކަން ވެސް ހާމަކުރައްވާފައެވެ.
ދާދި މިދާކަށް ދުވަހު ނަޝީދު ވަނީ ”ރައީސް އަޅުގަނޑާ ވާހަކަ ދައްކަވައި އެކުގައި ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވާ ކަމަށް“ ވިދާޅުވެފައެވެ.
އެއަށްފަހު ވިދާޅުވަނީ ”ވީމާ އަޅުގަނޑު ވެސް ދެން ބޭނުމެއް ނޫން“ ކަމުގައެވެ.