މިއީ ބަޖެޓު ސީރީޒްގެ ތެރެއިން ހުށަހެޅުނު އެންމެ ފުރިހަމަ ބަޖެޓުކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް ވިދާޅުވެއްޖެއެވެ.
އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ބަހުސް މަރުހަލާގައި ޔައުގޫބް ވިދާޅުވީ ސަރުކާރުގެ އަމާޒަކާއި، ޕްލޭނެއް އެބައޮތް ކަމަށާއި އެކަންކަން ފޮތެއްގައި ލިޔެވިފައިވާކަމަށެވެ. އެކަންކަމުގެ ހިސާބުތައް ޖަހައި، ހަރަދުވާނެ މިންވަރާއި، ބޭނުންވާ މިންވަރާއި، ހޯދަންޖެހޭ މިންވަރާއި އެކަންކަން ކުރެވޭނީ ކިހާ ހިސާބަކުންތޯ ޕްލޭންކުރެވިފައިވާކަމަށް ޔައުގޫބް ވިދާޅުވިއެވެ.
”މިއީ އުންމީދުތައް ކާމިޔާބުކަމާއެކު ހާސިލްކުރުމަށް ހުށަހެޅުނު ބަޖެޓު ސީރީޒްގެ ތެރެއިން އެންމެ ފުރިހަމަ ބަޖެޓް. މިއީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒުކުރުމަށް ހުށަހެޅޭ ބަޖެޓެއް“ ޔައުގޫބް ވިދާޅުވިއެވެ.
ބަޖެޓު ސީރީޒްގައި ވެރިކަމުގެ ފުރަތަމަ އަހަރު، 2019 ވަނަ އަހަރަށް ފުރަތަމަ ފާސްކުރި ބަޖެޓަކީ 2018 ވަނަ އަހަރު ކުރީ ސަރުކާރުން ހުށަހެޅި ބަޖެޓެއްކަން ޔައުގޫބް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބަޖެޓު ފާސްކުރި މިސަރުކާރުގެ ސިޔާސަތުތައް ކޮންމެވެސް މިންވަރަކަށް ހިމެނިގެންކަމަށް ވިދާޅުވިއެވެ.
”2020 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ މިސަރުކާރުގެ ފުރިހަމަ ވިސްނުމާއެކު ފާސްކުރި ބަޖެޓެއް. މަޖިލީހުން ފާސްކޮށްގެން އެމަސައްކަތާއި ހަމައަށް ދިޔައިރު ލައްވާލީ ކޮވިޑުގެ ބަލިމަޑުކަމާއި. އެހެންނަމަވެސް ޕްލޭން ކުރި ގޮތާއި އެއްގޮތަށް ތަންފީޒުކުރާކަށް ފުރުސަތެއް ނުލިބުނު“. ޔައުގޫބް ވިދާޅުވިއެވެ.
2021 ވަނަ އަހަރުވެސް ދިޔައީ ކޮވިޑުގެ ބަލިމަޑުކަމާއެކު ކަމަށާއި 2022 ވަނަ އަހަރު ކޮވިޑުގެ ބަލިމަޑުކަމުން ދިމާވި އިޤްތިޞާދީ އަނދަވަޅުގަނޑުން އަރައިގަތުމަށް މަސައްކަތްކުރަމުން ދިޔަކަމަށް ޔައުގޫބް ވިދާޅުވިއެވެ. ވެރިކަމުގެ ވިސްނުމާއި އެއްގޮތަށް ކަންކަން ޕްލޭންކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ދެން ދިމާވީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއިކަމަށްވެސް ވިދާޅުވިއެވެ.
”މި ފަސް އަހަރުތެރޭ މިދަނީ ބޮޑެތި އެތައް ދަތިތަކެއް ކުރިމަތިވަމުން. ފަސް އަހަރުތެރޭ ކުރަން ހިފާފައިވާ އެއްވެސްކަމެއް ތާވަލުން ކައްސާނުލައި ކުރިއަށް އެބަދޭ“ ޔައުގޫބް ވިދާޅުވިއެވެ.
މީގެ އިތުރުން ޔައުގޫބް ވިދާޅުވީ މި ބަޖެޓަކީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރުމަށްޓަކައި ހުށަހެޅުނު އެންމެ ފުރިހަމަ ބަޖެޓު ކަމަށެވެ.
ހުރިހާކަމެއް ކުރުމަށް މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ރާއްޖޭގައި ފާސްކުރާ ބަޖެޓުތަކަކީ އާންމުކޮށްވެސް ޑެފިސިޓް ބަޖެޓްތަކެއްކަމަށް ވިދާޅުވިއެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ ރިކަރަންޓް ހަރަދު މެނޭޖްކުރަން ބޭނުންވާ ފައިސާވެސް އާމްދަނީގެ ގޮތުގައި ނުލިބޭތީކަމަށް ޔައުގޫބް ވިދާޅުވިއެވެ.
”އެފައިސާ ހޯދަންޖެހެނީ ލޯނާއި ހިލޭ އެހީ މެދުވެރިކޮށް. ރާއްޖެއަށް ނުލިބޭ އެއްޗަކުން ރިކަރަންޓް ހަރަދުކޮށްގެން ނުވާނެ“ .ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބްގެ ވާހަކަފުޅުގައި އެންމެ ބޮޑު ނިކަމެތިކަމަކީ ނުވަތަ ދަތިކަމަކީ ރިކަރަންޓް ޚަރަދު މެނޭޖްކުރުމަށް ލޯނާއި ދަރަނީގެ ފައިސާ ބޭނުންކުރަން ޖެހުންކަމަށް ވިދާޅުވިއެވެ. 2023ގެ ބަޖެޓާއިމެދު އެންމެ ހިތްހަމަޖެހޭކަމަކީ ރިކަރަންޓް ޚަރަދަށް 28 ބިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމާފައިވާއިރު އާމްދަނީގެ ގޮތުގައި ހިލޭ އެހީ ނުލައި 29 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ހިލޭ އެހީއާއެކު 32 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ސަރޕްލަސްގެ ގޮތުގައި 1 ބިލިއަން ރުފިޔާ ލިބުމަކީ ލިބޭ ބޮޑު ކާމިޔާބީއެއްކަމުގައި ޔައުގޫބް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއީ ދެން އަންނަ ބަޖެޓްތައް ސަރޕްލަސްވާނެކަމުގެ އުންމީދެއް ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ދުނިޔޭގެ ފައިނޭންޝަލް މާކެޓުގައި އިތުރު ދައުރެއް އަދާކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.