މިއަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިޔާއިންކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެއިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އިންޑިޔާއިން ޒިޔާރަތްކޮށްފައިވާއިރު، އެގައުމުން ރާއްޖެއަށް 21،753 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ދެން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރައްކޮށްފައިވަނީ ރަޝިޔާ އަދި ޖަރުމަނުވިލާތުނެކަން ފާހަގަކޮށްލެވެއެވެ. ރަޝިޔާއިން 20،639 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނު ވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 15،576 ފަތުރުވެރިންނެވެ.
އިމިގްރޭޝަނުން ނެރެފައިވާ އޮކްޓޯބަރު މަހުގެ ތަފާސްހިސާބަށް ބަލާއިރު، އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 14،815 ފަތުރުވެރިންނެވެ. އެމެރިކާއިން 6،726 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 6،060 ފަތުރުވެރިންނެވެ. ސައުތު އެފްރިކާއިން 5،654 ފަތުރުވެރިން ޒިޔާރަތްކޮށްފއިވާއިރު، ސްވިޒަލޭންޑްއިން ޒިޔާރަތްކޮށްފައިވަނީ 4،435 ފަތުރުވެރިންނެވެ. ސްޕެއިން އިން 3،661 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ފަރެންސޭސްވިލާތުން ރާއްޖެއަށް 3،139 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ޖުމްލަކޮށް އޮކްޓޯބަރު މަހު ރާއްޖެއަށް 153،737 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މއެވްރެޖްކޮށް ދުވާލަކު 4،959 ރާއްޖެއަށް ޒިޔާރަތްކުރެއެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް އެންމެ ގިނައިން 6،810 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ މަދުވެގެން 3،795 ފަތުރުވެރިން ދުވާލެއްފެ މައްޗަށް ޒިޔާރަތްކުރާކަމަށް ދައްކައެވެ.
ސެޕްޓެމްބަރު މަހު 111،986 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ނިމިދިޔަ އޮކްޓޯބަރު މަހުގައި ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. މިއީ މަހެއްގެ މައްޗަށް ބަލާއިރު، މަހެއްގެ މައްޗަށް 37.28 އިންސައްތައިގެ އިތުރުވުމެއްކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އިމިގްރޭޝަންއިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް 19 އަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.