އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއިދު ކުރެވެން ނެތް ކަމަށް އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު މިއަދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.
އެމްޑިޕީގެ ޕްރައިމަރީގައި، ފޮރިން މިނިސްޓަރު ޝާހިދު، ރައީސް ޞާލިޙަށް ތާއިދުކުރައްވާނެކަން ހާމަކުރެއްވުމުން، އެމްޑީޕީގެ މެންބަރުން ތިއްބެވި ގްރޫޕެއްގައި ނަޝީދު ވިދާޅުވީ ”މިފަހަރު ރައީސް ޞާލިޙަށް ތާއިދުކުރެވޭކަށް ނެތް“ ކަމަށެވެ.
މިހާތަނަށް ޕްރައިމަރީގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހާމަ ކުރައްވާފައިވަނީ ރައީސް ޞާލިޙުގެ އިތުރުން ރައީސް ނަޝީދެވެ.
އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނު ނުކުރާއިރު، މި އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވަނީ ދެވަނަ ދައުރަކަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީއިން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުންނަމަ އެމަނިކުފާނަކީ ޕާޓީއަށް ”ޗޮއިސް“ އެއް ކަމަށެވެ.
ހަމައެއާ އެކު ރައީސް ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ކުރިން ވިދާޅުވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން މި ފަހަކަށް އައިސް އެމަނިކުފާނު ވާހަކަ ދައްކަވާފައެއް ނެތެވެ. އެހެން ނަމަވެސް އެމްޑީޕީ މެންބަރުން ތިއްބެވި ގްރޫޕަކަށް ފޮނުއްވި މެސެޖާ އެކު، އެމަނިކުފާނު މިވަނީ އެމްޑީޕީގެ ޕްރައިމަރީގައި އެމަނިކުފާނު ވެސް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް އަނެއްކާވެސް ކުރައްވާފަ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ފުރަތަމަ ބާއްވާނެ ކަމަށް އަޑު ފެތުރުނީ ނިމިދިޔަ އޮގަސްޓު މަހު އެވެ. އެއަށްފަހު މި މަހު ބާއްވާނެ ކަމަށް އަޑު ފެތުރިފައިވަނިކޮށް މިހާރު އިވެމުންދަނީ އަންނަ އަހަރަށް ލަސްވި ވާހަކަ އެވެ. އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުލް ސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބޭއްވޭނެ ތާރީހެއް، ޕާޓީގެ އިދާރީ ކަންކަން ފުރިހަމަ ކުރުމަށްފަހު އިއުލާން ކުރާނެ ކަމަށެވެ.
Bala eh candidate aneh candidatenah thaaeedhu kureytha?