ޢަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މައްސަލައިގައި ބެލެނިވެރިން ހިތްހަމަނުޖެހުން ފާޅު ކުރަމުން ދަނިކޮށް، އިއްޔެ ކުއްލި ގޮތަކަށް އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝުޖާއު ވަކިކޮށް އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލްއާއި އަރަބިއްޔާ ހިންގުން ވަނީ ހަވާލުކޮށްފައެވެ. މިކަމާއި ގުޅިގެން އަރަބިއްޔާގެ ބެލެނިވެރިން ނުރުހުން ފާޅުކޮށް އިހްތިޖާޖްތައް ކުރިއަށްގެންގޮސްފައިވެއެވެ.
މިއަދު ބެލެނިވެރިން ވަނީ ރައީސް އޮފީހަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް ގޮސް އެތައް އިރަކު މިނިސްޓަރާއި ބައްދަލުކުރުމަށް އެތަނުގައި މަޑުކޮށްފައެވެ. ރައީސް އޮފީހުން ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލް ކުރެވިފައި ނުވި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބެލެނިވެރިންނާއި ބައްދަލްކޮށް އެމީހުންގެ ޝަކުވާ އަޑު އައްސަވާފައެވެ.
އެޑިއުކޭޝަން މިނިސްޓާރ އައިޝަތު އަލީ އާއި ބައްދަލްކޮށް ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ. އަދި ޢަރަބިއްޔާގެ އައު އިމާރާތާއި ބެހޭ މަޢުލޫމާތުތައްވެސް ބެލެނިވެރިން ހިއްސާކޮށްފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.
އަރަބިއްޔާގެ ޕްރިންސިޕަލް ކަމުން ސުޖާއު ވަކިކުރުމަށްފަހު އޭނާ ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ސްކޫލުތަކުގެ ވެރިންނަށް ގެންނަމުންދާ ބަދަލުތަކުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
ޢަރަބިއްޔާ ސްކޫލްގެ އިމާރާތުގެ މައްސަލައިގައި ފާއިތުވި އަހަރުގެ ޑިސެމްބަރު މަހުވެސް ބެލެނިވެރިން ވަނީ ރައީސްއާއި ބައްދަލުކުރައްވާފައެވެ. ބެލެނިވެރިންގެ ކަންބޮޑުވުންތައް އައްސަވާ ރައީސް ވަނީ ޢަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް އަޅުއްވާދެއްވާނެކަން ޔަޤީންކަށްދެއްވާ އެ ސްކޫލަށް ބައު ޖަމާލުދީން ހުރި ބިން ހަމަޖައްސަވާދެއްވާފައެވެ. އަދި އައު އިމާރާތް ނިމެންދެން ޢަރަބިއްޔާ ދަރިވަރުން ކިޔެވުމަށް ފޮރިން މިނިސްޓްރީން ބޭނުންކުރި ވަގުތީ އިމާރާތް ވަނީ ހަމަޖައްސަވާދެއްވާފައެވެ.

ބައު ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި ޢަރަބިއްޔާގެ އައު ޢިމާރާތް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް އެޑިއުކޭޝަނުންވަނީ ހާމަކޮށްފައެވެ. އަދި އެމަސައްކަތް ނިންމާ އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލުގައި ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމު ހަމަޖެހޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިންވަނީ ވިދާޅުވެފައެވެ.
އަރަބިއްޔާ ސްކޫލް އައު އިމާރާތުގެ މަސައްކަތާއި، ޖަމާލުއްދީން ސްކޫލް އެނެކްސް އިމާރާތުގެ ޑިޒައިން އެންޑް ބިލްޓްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް މިދެއިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މިއަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މި ދެ އިމާރާތުގެ މަސައްކަތަށް އެކުންފުނިން ހުށަހަޅާފައިވަނީ 168،525،150.92 (ސަތޭކަ ފަސްދޮޅަސް އަށް މިލިއަން ފަސް ލައްކަ ފަންސަވީސްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ނުވަދިހަ ދެލާރި)އެވެ.
މިދެއިމާރާތުގެ މަސައްކަތް 420 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ. އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު މިއިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ބައު ޖަމާލުއްދީން ސްކޫލް ތަޅާ ސާފުކުރުމުގެ މަސައްކަތްތައް ކުރެވިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.



އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގައި 40 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި އިމާރުގެ މަސައްކަތް 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު ނިމި 2024 ވަނަ އަހަރުގެ ދެވަނަ ޓަރމް ކިޔެވުން ފެށޭއިރު އިމާރާތް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއިމާރާތް ނިމުމުން އަރަބިއްޔާ ސްކޫލް ދަރިވަރުންގެ ކިޔެވުމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ނަމަވެސް ދެން އިވިގެން ދިޔައީ 2023 ވަނަ އަހަރުގެ ބަޖެޓުގައި ޢަރަބިއްޔާ ސްކޫލް އިމާރާތުގެ ޚަރަދު ހިމަނާފައިނުވާ މައްސަލައެވެ. ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދައިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް ޢަރަބިއްޔާގެ އިމާރާތުގެ ވާހަކަ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށް ވިދާޅުވުމުން އެޑިއުކޭޝަން މިނިސްޓްރީއިން އެކަމާއި މެދު ބުނެފައިވަނީ، ޢަރަބިއްޔާގެ ވާހަކަ ބަޖެޓުގައި ނެތުމަކީ އިދާރީ މައްސަލައެއްކަމަށެވެ. އަދި ބަޖެޓުގައި ޢަރަބިއްޔާ ސްކޫލްގެ ޚަރަދު ހިމަނާފައިވާނެކަމަށް އެމިނިސްޓްރީއިން ބުނެފައިވެއެވެ.
ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އިހްތިޖާޖްކޮށް ނުރުހުން ފާޅުކުރަމުން އަންނަނީ ޢަރަބިއްޔާ ސްކޫލް މިހާރު ހުރި ފޮރިން މިނިސްޓްރީން ކުރިން ބޭނުންކުރި އިމާރާތުގެ ހާލަތު ރަނގަޅު ނޫންކަމަށް ބުނެއެވެ. ބެލެނިވެރިން ފާހަގަކުރާ ގޮތުގައި އެ އިމާރާތުގެ ހާލަތަކީ ކުދިންތަކެއް ކިޔަވަން ދިއުމަށް އެކަށީގެންވާ ހާލަތެއްގައި ހުރި ތަނެއް ނޫންކަން ފާހަގަކޮށެވެ.
ހަތްސަތޭކައެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ޢަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވައިދެމުން އަންނަ ހަމައެކަނި ސްކޫލެވެ. ޢަރަބިއްޔާގެ މަންހަޖަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ބަލައިގަންނަ މަންހަޖެކެވެ.