ފުރަތަމަ ބައި
އެއްވެސް ހުރަހަކާ ނުލަ ކުޑަދޮރުން ވަދެގެން އައި ހެނދުނުގެ ވައިރޯޅި މުސްކާންގެ މޫނުގައި ބީހިލާފައި ފަސްދީ ހިނގައްޖެއެވެ. މުސްކާންއަށް މަޑުމަޑުން އިސްއުފުލާލެވި ކުރިމަތީ ހުރި އެނދުގައި އެއްފަރާތަކަށް އަރިކޮށްލެވިފައިވާ ބައްޕަގެ ހަށިގަނޑުން ނަޒަރު ވަކިކޮށްލެވުނެވެ. އަދި މަޑުމަޑުން ވައަތްފަރާތުގައި ހުރި ކުޑަދޮރުން ބޭރު ބަލައިލެވުނެވެ. ދަތުރު ކުރަމުން ދިޔަ މުސްކާންގެ ނަޒަރު ގޮސް ހުއްޓުނީ މާކަނޑަށެވެ. ދެން ސާފު ނޫ އުޑަށެވެ. އަނެއްކާވެސް އެނބުރި ގޮސް ހަމަހިމޭން ގަދަ ނޫކުލާއިގެ މާ ކަނޑަށެވެ. މުސްކާންގެ އަމިއްލަ ދިރިއުޅުން ފަދައިން އެ ކަނޑުވެސް ވަނީ ހަމަހިމޭންވެފައެވެ. މާ ބޮޑު ހަލަބޮލިކަމެއް ނެތެވެ. އެހެންނަމަވެސް އެކި ހިސާބުތަކުން ދަތުރުކުރަމުން ދިޔަ ބޯޓުތަކާ ސްޕީޑް ލޯންޗް ތަކާ އިންޖީން ދޯނިތައް އޭގެ މަންޒިލާހަމައަށް ވާސިލް ވުމަށްޓަކައި އޭގެ ވާޖިބު އަދާކުރަމުން ދިޔައެވެ.
ބޭރުން ފެނުނު މަޑުމައިތިރި މަންޒަރަށް ގެއްލިފައި މުސްކާންއަށް އިނދެވުނީ އިރުކޮޅަކަށެވެ. އަނެއްކާވެސް އޭނަގެ ވިސްނުން ހުއްޓުނީ އަމިއްލަ ބައްޕައަށެވެ.
”ބައްޕާ! އަދި ހިނގަ ދެތިން ސަމުސާ ބޯލެވޭތޯ ބަލަމާ، ދޯ!“ މުސްކާންގެ އަޑުގައިވަނީ އޯގާތެރިކަމާ ކުލުނާ ވިސްނައިދިނުމެވެ.
މުސްކާންގެ ބަލި ބައްޕަ މުސްކާންގެ އެދުމަށް އިޖާބަދެވޭތޯ ހިތްވަރުކުރިއެވެ. ބައްޕަގެ ކުރިމަތީ އެއީ ކެރޭ ހިތްވަރުގަދަ ކުއްޖެކެވެ. ޚިޔާލެއް ފިކުރެއް ނެތް ޖެހިލުންކުޑަ ހޭލުންތެރި ކުއްޖެކެވެ. އެއީ އެބައްޕަ އެންމެ ލޯބިން ގެންގުޅެމުން އައި އެ ބައްޕަގެ ލޯބިވާ މުސްކާން އެވެ. ވަރަށް ފޮނި އުންމީދުތަކަކާ ހުވަފެންތަކެއް ދެކެމުންނެވެ. ކަންކަން ބަދަލުވެގެން އައީ ކުއްލިއަކަށެވެ. ލޯ މަރާލާފަ ހުޅުވާލާހާ އަވަހަށެވެ.
ކުއްލިއަކަށް ހަބީބު ކޮށިއަރާކަހަލަގޮތެއްވެ ކެއްސައިގަތެވެ. މުސްކާންގެ ޚިޔާލީ ވާފަށް އެ އަޑާ އެކު ކެނޑި ބައްޕައަށް ހުރިހާ ސަމާލުކަމެއް ހުސްކޮށްލެވުނެވެ. މަޑުމަޑުން ތެދުވެ ބައްޕަގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. އިރުކޮޅަކުން ހަބީބު ވެސް ހަމައަކަށް އެޅިއްޖެއެވެ.
މުސްކާން ބައްޕަގެ އަނގަމަތި ސާފުކޮށްލުމަށްފަހު ބައްޕަ ރީތިކޮށް އެނދުގައި ބޭއްވިއެވެ. ދެން ގެންގުޅުނު ތައްޓާ ސަމުސާ ދޮވެލައިގެން ގެނެސް ބަހައްޓާފައި ގޮސް ކުޑަދޮރަށް ކުރިމަތިވާނޭހެން ގޮނޑިގައި ހަމަ ޖެހިލިއެވެ.
މުސްކާންގެ ދެލޯ މެރި ނިދިޖެހުނީ އެެހެން އެ ގޮނޑީގައި އިންދައެވެ. ބައްޕަ އޮތް އެނދުގެ އަރިމަތީ ގައި އެއް އަތް ވިއްދައިގެން އިނުމުން މުސްކާންއަށް ތަންކޮޅެއް ފަސޭހަވިއެވެ. އައިޖީއެމް ހޮސްޕިޓަލުގެ އެ ވޯޑްގައި އޭރު އެޑްމިޓްކޮށްފައިވާ ހުރިހާ ބަލިމީހުންގެ އެހީތެރިން ވެސް ތިބީ ނިދިފައެވެ. ކޮންމެ މީހަކުވެސް އިނީ މުސްކާން އެ އިންކަހަލަ ގޮތަކަށެވެ. ބޮލުގެ ބަރު އަތަށް ދޫކޮށްލައިގެންނެވެ.
ހަބީބު އޮތް އެނދުގެ ކުރިމަތީ ހުރި އެނދުގައި އޮތީވެސް ހަބީބު ފަދަ ބަލި މީހެކެވެ. ހީވާގޮތުން އެމީހާ ހަބީބަށްވުރެ ތަންކޮޅެއް ދޮށިވާނެއެވެ. އެމީހާ ކައިރީ ިއންނަ ޒުވާނާ އައިސް އެ ވޯޑަށް ވަނީ އާދައިގެ މަތިން އޮފީހަށް ދިއުމުގެ ކުރިން އޭނާގެ ބައްޕައަށް ހެނދުނުގެ ސައި ދިނުމަށެވެ. އޭރު އެ މީހާ ގާތުގައި އިން އެހީތެރިޔާ ގެއަށް ދިޔަތާ އިރުކޮޅެއް ވެދާނެއެވެ. އެ ޒުވާނާ އައިސް ފުރަތަމަ އޭނާގެ ބައްޕަ އޮތް އެނދުގެ މަގަތުގައި ހުއްޓިލުމަށްފަހު ބައްޕައަށް ރަނގަޅަށް ބަލައިލިއެވެ. ދެން ވަށައިގެންވާ މާހައުލަށް ފަރުވާކުޑަގޮތަކަށް ނަޒަރުހިންގައިލިއެވެ. އެހެންނަމަވެސް އެ ނަޒަރު ގޮސް މުސްކާންގެ ދޮން މޫނަށް ހުއްޓުމުން ކުޑަ މަޑުޖެހިލުމެއް އައެވެ. ދެން އަނެއްކާވެސް އޭނާގެ ބައްޕައަށް ހުރިހާ ސަމާލުކަމެއް ދިނެވެ.
އެއީ ހެދިހުރި ހަށިގަނޑު ރީތި އޮޅަލިކުލައިގެ ޒުވާނެކެވެ. ހީވާގޮތުން އޭނާ އެހެރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ލައިގެންހުރި ހެދުމުން އެކަން އެނގެއެވެ. ގަމީސްހުރީ އަޑިޔަށްޖަހާ ބެގީކޮށްފައެވެ. ކަރުގައިވަނީ މަޑު އަޅިކުލައެއްގެ ކުރެހުން އެޅި ޓައި އެކެވެ. ޒުވާނާ ޓައި ކަރުން ނަގާ ޖީބަށްލިއެވެ. ދެން ގެނައި ކުޑަކޮތަޅުން ތަށިތަކެއްނަގާ ބައްޕަ އޮތް އެނދުގެ ފައިލާ ކޮޅުގައި އަތުރައިލިއެވެ. އަދި ދެން އޭނަގެ ބައްޕައަށް ގޮވައި ހޭލައްވައިލިއެވެ. އެ ޒުވާނާގެ ބަލި ބައްޕަ މަޑުމަޑުން ބަލިކަށިގޮތަކަށް ދެލޯ ހުޅުވައިލިއެވެ. ވާހަކައެއް ބުނަން މަސައްކަތްކުރާކަން އެ ބައްޕަގެ މޫނުމަތީގެ ހަރަކާތުން އެނގެއެވެ. ޒުވާނާ އޭނާގެ ބައްޕަ ބުނާއެއްޗެއް ދޭހަވޭތޯ ބައްޕަގެ މޫނާ ދިމާއަށް ގުދުވެލިއެވެ. އެއީ އޭނާ ބައްޕަގެ އަޑު އެނާ އެބަ އަހާކަން ބައްޕައަށް އަންގަންވެގެން ކުރިކަމެކެވެ. ބައްޕަ އަހާނީ މަންމަ ކޮބައިތޯކަން އެނގިހުރެވެސް މެއެވެ.
މުސްކާންއަށް ނިދިފައި އިނދެވުނީ ގާތްގަނޑަކަށް ވިއްސަކަށް މިނިޓް އިރަށެވެ. މީހަކު ފުރަގަހުން އައިސް މުސްކާންގެ ނަމުން ގޮވާލާފައި މުސްކާން ކޮއްޓައިލިއެވެ. ސިއްސައިގެން ގޮސް ހޭލެވުމާ އެކު މުސްކާން ފުންމައިގެން ތެދުވިއެވެ. މުސްކާން ގެއަށްދާގަޑި ޖެހުނީއެވެ. ބައްޕައާ ދެބެންގެ ދެދަރި ނަޒީރާއްތަ އެ އައީ އޭނާގެ ކުދިން ސްކޫލަށްލާފައި އިރުކޮޅަކު ހަބީބުގާތު މަޑުކޮށްލުމަށެވެ. މިގަޑިއަކީ ސައުވީސްގަޑި އިރުގެ ތެރެއިން މުސްކާން ގެއަށްގޮސް ފެންވަރާލާ ކާއެއްޗެއްކައިގެން ނިދާލަން ލިބޭ ހަމައެކަނި ވަގުތެވެ.
”ބައްޕައަށް ކުޑަ އޯޓްސްކޮޅެއް ދީފަ ތިއޮތީ. ވަރަށް ކުޑަކޮށް ކެވުނީ!“ މުސްކާން ވާހަކަ ދެއްކީ ނަޒީރާއާއެވެ. ނަޒަރު ހުރީ ލޯބިވާ ބައްޕަގެ ކުލަ ފަނޑުވެފައިވާ މޫނަށެވެ.
”މުސްކާން ރަނގަޅަށް ސައި ބޯތި. ދައްތަ ހުންނާނެ ސައި ހަދާފަ!“ ނަޒީރާ ގޮނޑި ކައިރިކޮށްލާފަ އިށީނެވެ.
ނަޒީރާގެ ވާހަކައަށް އިތުރު އެއްޗެއް ނުބުނެ މުސްކާން ހިނގައިގަތީ ވޯޑުން ނިކުންނާށެވެ.
ހޮސްޕިޓަލުގެ އެކި ވޯޑްތައް ފަސްދީ ކުރިއަށް ހިނގަމުންދިޔަ މުސްކާން މިހާރު އެތާ ތެރެއަށް ފުދޭވަރަކަށް ފަރިތަވެލައިފިއެވެ. ބައްޕަ ގޮވައިގެން ފުރަތަމަ އައި ދުވަހު ނަޒީރާ ނެތްނަމަ މުސްކާންއަކަށް އެއްވެސް ކަމެއް ކުރާކަށް ނޭނގުނީހެވެ. އެހެންނަމަވެސް މިހާރު އެ ހޮސްޕިަޓލުގެ ޚިދުމަތްތައް ހޯދުމުގައި މުސްކާންއަކަށް އެއްވެސް ދައްޗެއް ބީރައްޓެހިކަމެއް ނެތެވެ.
ހަމަޖެހިފައި އޮތްގޮތަށް މެންދުރު ނަމާދުކޮށްލައިގެން މުސްކާން އަނެއްކާވެސް އައީ ހޮސްޕިޓަލަށެވެ. އެއީ ނަޒީރާ އޭނަގެ ދެބެން ސްކޫލުން ބަލާދާގަޑިއެވެ. އެ ދުވަހު މުސްކާން އައި އިރުވެސް ނަޒީރާއެއް ނެތެވެ. ނަޒީރާގެ ދެބެންކުރެ ހަނގު މީހާގެ ޕޭރެންޓްމީޓިންގ އެއް އޮތުމުން ދިޔައީ އެވެ. އެ ވާހަކަ މުސްކާން ކައިރީ ބުނީ އެތާއިން މެދު އުމުރުގެ އަންހެނެކެވެ.
މުސްކާން އައިސް ހަބީބު ގާތު މަޑުކޮށްލާ ފަރާތްފަރާތް ހޯދައިލީ ނަޒީރާ ފެންނަން ނެތުމުންނެވެ. މުސްކާންގެ ކަންބޮޑުވެފައިވާ މޫނު ފެނުމުން ހަބީބު އޮތް އެނދާ ޖެހިގެން ހުރި އެނދުގައި އޮތް ބަލި މީހާގެ އެހީތެރިޔާ އައިސް ނަޒީރާގެ މެސެޖް މުސްކާން އަށް ރައްދުކުރިއެވެ.
”މުސްކާން ދޯ!“ މުސްކާން ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ. އެހެންނަމަވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯޖައިލިއެވެ.
”މުސްކާންގެ ދައްތަ ބުނި ބުނެދޭށޭ ކުޑަމީހާގެ ޕޭރެންޓް މީޓިންގ އެއް އޮވެގެން ދިޔައީ އޭ!“ އެމީހާ ވާހަކަ ދެއްކީ މުސްކާންގެ މޫނަށް ބަލަންހުރެގެންނެވެ. މުސްކާން ހިނިތުންވެލިއެވެ. އެއީ ޝުކުރިއްޔާ ބުނުމުގެ ބަދަލުގައި ހީނލި ހީނލުމެކެވެ. އެމީހާ ހިނގައިގަތީ ކުރިން އިށީނދެ އިން ގޮނޑިއާ ދިމާއަށެވެ. މުސްކާން އުޅެގަތީ މުސްކާން ގެނައި ބަތްޕެންފޮދުން ދެތިން ސަމުސާނަމަވެސް ބައްޕައަށް ދެވޭތޯއެވެ. އެވަގުތު ކުރިން ވާހަކަ ދެއްކި އަންހެންމީހާ އޭނާ އިށީނދެ އިން ގޮނޑި ހިފައިގެން އައިސް މުސްކާން ކައިރީ ބަހައްޓަމުން އަލުން ވާހަކަ ދައްކަން ފެށިއެވެ.
”މުސްކާން ބައްޕައަށް އެންމެ މީރީ ބަތްޕެންތަ!“ ހީނލަމުން އަންހެން މީހާ ކުރި ސުވާލަށް މުސްކާން ވެސް ޖަވާބު ދިނީ ހީނލަމުން ބޮލުގެ އިޝާރަތުންނެވެ.
”އެއީ މި ދައްތަގެ ފިރިމީހާ، ފާރޫގު، އަހަރެެމެން މިތާ ފާރޫގު ބާއްވައިގެން ތިބޭތާ މިހާރު ފަނަރަދުވަސްވީ. ޑޮކްޓަރު އެއްބަސް ނުވެގެން ރާއްޖެއިން ބޭރަށް ވެސް އަދި ނުގެންދެވިގެން މި އުޅެނީ.“ މުސްކާންގެ ވާހަކަ ދެއްކުމަކާ ނުލާ އެ އަންހެންމީހާ އަމިއްލައިން ކިޔައިދިނެވެ.
”ފާރޫގުބެއަށް އެއްވެސް ވަރަކަށް ރަނގަޅުތަ މިހާރު ދެން!“ ފުރަތަމަ ފަހަރަށް އެމީހާއާ ވާހަކަދެއްކުމުގެ ޝައުގު މުސްކާންގެ ހިތުގައި ހިނގައިލިއެވެ.
”ކުޑަކޮށް ރަނގަޅުހެން ވެސް ހީވޭ! އަހަރެމެން ދެން ބަލާނީ ހަފުތާއަކަށް! ބޮޑުކުރިއެރުމެއް ނުލިބެންޏާ ރާއްޖެއިން ބޭރަށް ދާނީ!“ އެމީހާގެ އަޑުގައިވަނީ ސާބިތުކަމެވެ. އެމީހާގެ ވާހަކައިން މުސްކާންގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. އަމިއްލަ ބައްޕަ ވެސް ގޮވައިގެން ފަރުވާ ލިބެން އޮތްތަނަކަށް ދާން މުސްކާން ވެސް ނުލާހިކު ބޭނުމެވެ. އެކަމަކު ކިހިނެއްހެއްޔެވެ! އެވަރުގެ އެހީތެރިއަކީ އެމީހުންގެ ކާކުހެއްޔެވެ!
މުސްކާން ބައްޕައަށް ބަތްޕެންފޮދު ދީ ނިމުމުން ބައްޕަގެ މޫނާއެކު ފެންލައި ސާފުކޮށްދިނެވެ. ދެން ގޮނޑީގައި އިށީީނީ އެމީހާއަށް ކުރިމަތިލައިގެންނެވެ. އެކަން އެހެންކުރަން އުދަނގޫ ގޮތެއް މުސްކާންއަށް އިޙުސާސްވިޔަސް އެމީހާ އެތާ އިންދާ ނުދެނެހުރިކަމަށް ހަދައިގެން ވާހަކަ ނުދައްކައި މުސްކާން އިންނާނީ ކިހިނެއްހެއްޔެވެ.
”މުސްކާން މަންމަ ކޮބާ! ރަށުގައިތަ!“ އެމީހާ ކުރި ސުވާލުން އަނެއްކާވެސް މުސްކާންއަށް ޖަވާބު ދޭން އުދަނގޫވިއެވެ. އެހެންނަމަވެސް ބޮލުން އާނއެކެ ބުނެލިއެވެ.
”ބައްޕަގެ ފިރިހެންކުއްޖަކު ނުހުންނަނީތަ، މުސްކާން އެކަނި ބައްޕަ ތި ބަލަނީ!“ އެމީހާ ސުވާލަކަށްފަހު ސުވާލެއް ކުރިމަތިކުރަމުން ދިޔައިރު ހީވާނީ މުސްކާން އިނީ އިންޓަރވިޔުއަކަށް ހާޒިރުވެހެންނެވެ.
”ހުރޭ! އެކަމަކު ކޮއްކޮ އަދި ވަރަށްކުޑަ. އަޅުގަނޑު ބައްޕަގެ އެންމެ ދޮށި ކުއްޖަކީ! ދެން ހުންނަ އަންހެންކޮއްކޮ ވެސް އަދި ސްކޫލް ނުނިމޭ!“ މުސްކާންގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. އެކަން އެ އަންހެންމީހާ ދެނެގެންފި ވެސް މެއެވެ.
”ދެރަނުވޭ! އިރާދަކުރެއްވިއްޔާ ބައްޕަ އަދި ގަދަވާނެ!“ އެމީހާ ދިންް އެ ކުޑަކުޑަ ހިތްވަރުން ވެސް މުސްކާންގެ ދެލޯ ތެމިގެންއައެވެ. އެ ތަން ފެނުމުން އެ އަންހެންމީހާ މުސްކާންގެ ބުރަކަށީގައި ފިރުމާލާފައި ދާން ތެދުވަމުން ބުންޏެވެ.
”ތިއީ ވަރަށް ރަނގަޅުކުއްޖެއްކަން މި ދައްތައަށް ފުރަތަމަ ފަހަރުން ވެސް ފާހަގަ ކުރެވިއްޖެ. ނަޒީރާ ވެސް އެ ވާހަކަ ދެއްކި!“ ދެން ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު އަނެއްކާވެސް މަޑުކޮށްލިއެވެ. އަދި މުސްކާންއާ ދިމާއަށް ސަލާމަށް އަތްދިއްކޮށްލަމުން އަހަރެންގެ ނަމަކީ އައިންތުއޭ ބުންޏެވެ. މުސްކާން ވެސް އޭނަ ދިއްކުރި އަތުގައި ހިފާ ސަލާމް ކޮށްލިއެވެ.
”އެއްވެސް ކަމެއް ބޭނުމިއްޔާ ނުބުނެ ނުހުންނާތި. ވީވަރަކުން މި ދައްތަ އެހީ ވެދޭނަން.“ އައިންތު އަކީ ހިތް ހެޔޮ ރަނގަޅު މީހެކޭ މުސްކާންގެ ހިތަށް އެރިއެވެ. އައިންތު ބުނިއެއްޗަކަށް އަނެއްކާ ވެސް މުސްކާން ހީނލިއެވެ.
އެ ދެމީހުންގެ ފުރަތަމަ ބައްދަލުވުން ނިމުނީ އެހާކަންހާ ހިސާބުންނެވެ. ދެ އަންހެނުންގެ އުމުރުގެ ތަފާތު ކިތަންމެ ބޮޑަސް އައިންތު އަކީ މުސްކާންގެ މަންމައަށް ވުރެންވެސް ތަންކޮޅެއް ދުވަސްވެލާފަ ހުރި މީހަކަށްވިޔަސް އެދެމެދުގައި އުފެދެމުން ދިޔައީ އެކުވެރިކަމެވެ. މުސްކާން އައިންތުއަށް އިޙުތިރާމް ކުރެއެވެ. އައިންތު ދެއްކި ވާހަކައަކަށް ނޫނީ ވާހަކައެއް ނުދައްކައެވެ. އައިންތު މުސްކާންއާ ވާހަކަ ދައްކާ އުޅުނީ ދަރިއަކު ފަދައިންނެވެ.
ދެތިން ދުވަސް ފަހެވެ. މުސްކާންގެ ބައްޕައަށް ވެސް އަދި އައިންތުގެ ފިރިމީހާއަށް ވެސް މިހާރު ފުރަތަމަ އެތަނަށް ގެނައި އިރަށްވުރެން ރަނގަޅެވެ. އެ ދުވަހު އައިންތުގެ ފިރިމީހާ ގެއަށް ފޮނުވާލާނެ ކަމަށް ޑޮކްޓަރ ބުނުއްވިކަމަށް އައިންތު މުސްކާން ކައިރީ ބުންޏެވެ.
”މުސްކާން، މަންމައަށް ގުޅަންތަ!“ އައިންތު އައިސް މުސްކާން ގާތު އިށީނީ ނަރުސްކުއްޖާ ޑިސްޗަރޖްމެމަރީ ތައްޔާރުކުރަން ދިއުމުންނެވެ. އައިންތު ބުނި އެއްޗަކަށް މުސްކާން ބަލައިލީ ހައިރާންކަމުގެ ބެލުމަކުންނެވެ.
”ދައްތަ އެހެން މި އެހީ، މުސްކާން މަންމައާ ވާހަކަދައްކަން އިންދަ ދައްތަ ނުދެކޭތީ. އަދި …..މުސްކާން ފޯނު ގެންގުޅޭތަން މި ފެންނަނީ ވެސް ވަރަށް މަދުން… އެހެންވެ!“ އައިްނތު މުސްކާންއަށް ސާފުކޮށްދިނުމުން މުސްކާން ހީނލިއެވެ.
”މަންމަ އާންމުކޮށް ގުޅާނީ ރޭގަނޑު! އެއީ މަންމަ ފިހާރަ ބަންދުކޮށްފަ އައިސް ހަމަ ޖެހިލެވޭ ވަގުތު.“ މުސްކާނގެ އަޑު އިވުމުން އައިންތު ބަލައިލީ ގަބޫލުކުރަން ދަތި ނަޒަރަކުންނެވެ.
”ގޭގައި ފިހާރައެއް ވެސް ހުރޭތަ!“ ސުވާލު ނުކޮށް އައިންތަކަށް ނީދެވުނެވެ.
”ހުރޭ!… ބައްޕަ ބަލިވިއިރު ފިހާރަ ވަރަށް ރަނގަޅަށް ހިނގާ! ބައްޕަ ފިހާރައިގެ ހުރިހާކަމެއް ބަލަހައްޓަމުން އައީ. މަންމަ ނުބެހޭނެ އެކަހަލަ އެއްވެސް ކަމަކާ!…. ބޮޑަށް ބައްޕަ މަންމައާ ނުވެސް ޖައްސަނީ އެ ފާޑުގެ ކަންކަމާ!“
-ނުނިމޭ-
Wow.. Reethi vaanehen heevanee.