ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020 އިން 2021 އަށް ކޮށްފައިވާ ”ސްޓެޕް ސާރވޭ“ގެ ނަތީޖާ ހާމަކޮށްފިއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް 30އަށް25 ކެމްޕެއިންވެސް ވަނީ ލޯންޗްކުރައްވާފައެވެ.
”30 އަށް 25 މި ލޯގޯ ރަމްޒުކޮށްދެނީ، މިއީ އަހަރެންނާއި ތިބާގެ ޞިއްޙަތަށް އަހަރެމެން އެކުގައި ހާސިލްކުރެވޭނެ ލަނޑުދަނޑިއެއް“ އެވެ.
ސްޓެޕް ސާރވޭގެ ނަތިޖާ ހާމަކުރުމާއި ލޯގޯ އިފްތިތާހްކޮށްދެއްވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުނހެލްތް މިނިސްޓާރ އަހްމަދު ނަސީމް ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ މީހުން އެ ބަލިތަކެއް ތަހައްމަލް ކުރާ، އާއިލާތަކާއި ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ދާއިމީ ބޮޑެތި ބަލިތަކަށް މީހުން ހުށަނޭޅޭ މައިގަނޑު ހިރާސްތައް އަޅުގަނޑުމެންގެ މެދުގައި ހުރި މިންވަރު މިހާރު ސާފުވެގެން ހިންގައްޖެއްކަމަށެވެ.
ސްޓެޕް ސާރވޭގެ ކުރިއަށް ގެންދެވިފައިވަނީ ރާއްޖޭގެ ހުރިހާ ސަރަޚައްދެއް ހިމެނޭ ގޮތަށް ކަމަށްވެފައި ސާރވޭގެ ނަތީޖާއަކީ ރާއްޖޭގެ މުޅި އާބާދީގެ ޙާލަތު ރަމްޒުކޮށްދޭ ނަތީޖާއަކަށްވާތީ ބަލިތައް ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސާފުވެގެން ގޮސްފިކަމަށް މިނިސްޓާރ ވިދާޅުވިއެވެ.
”ސިޔާސަތުތައް ކަނޑައެޅުމާއި ތަންފީޒު ކުރުމުގައި ފަންނީ މަޢުލޫމާތާއި ސާބިތުހިފޭ ހެކިތަކުގެ މައްޗަށް ރިޔާޢަތް ކުރުމުގެ މުޙިއްމުކަން މިނަތީޖާ ތަކުން ދައްކައިފި.“ މިނިސްޓާރ ނަސީމް ވިދާޅިވިއެވެ.
ގައިންގަޔަށް ނާރާ ބަލިތަކިގެ ހިރާސްތައް ދެނެގަތުމަށްޓަކައި މި މުޙިއްމު ސާރވޭގައި ބައިވެރިވި އެމް.އެން.ޔޫގެ އިސްބޭފުޅުންނަށާއި، ކޮންސަލްޓަންޓް ޑރ.ޝީނާ މޫސާއަށް ވަރަށް ޚާއްސަ ޝުކުރެއް މިނިސްޓާރ ވަނީ އަދާކޮށްފައެވެ.
އަދި އަތޮޅުތެރެޔާއި، މާލޭގައި ދިރާސާގެ ޢަމަލީ މަސައްކަތްތަކުގައި ޝާމިލްވި ހެލްތް ވޯކަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށްފައިވެއެވެ.
މި ސާރވޭ ކުރިއަށް ކުރިއަށް ގެންދިޔުމަށް ފަންނީ އަދި މާލީ އެހީތެރިކަން އެންމެ ބޮޑަށް ފޯރުކޮށްދީފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.