އަނބަކީ ހޫނު ހިސާބު ތަކުގައި ހެދޭ މޭވާ އެކެވެ. ގަސްގަހާ ގެހީގެ ބާވަތްތައް ބަހާފައިވާއިރު އަނބު ނިސްބަތްވަނީ މެންގިފީރާ ކިޔާ ޢާއިލާ އަކަށެވެ.
އަނބަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަދިވެފައިވާ މޭވާ އެކެވެ. އަދި ހަމަ މިހެން ބީޓާ ކެރޮޓީން އަދި ފައިބަރު ވެސް އަނބުގައި އެކުލެވިގެން ވެއެވެ. މައިދާ އަށް ކުރިމަތިވާ މައްސަލަތައް ރަގަޅު ކުރުމުގައި އަނބަކީ ބޭނުންތެރި މޭވާއެއްކަން ވަނީ ފާހަގަ ކުރެވިފައެވެ.
އަހަރެމެންއަށް ނޭނގޭ އެއް ކަމަކީ އަނބުގެ ތޮށިން އަހަރެމެން އަށް ލިބިދޭ ފައިދާ ތަކެވެ. އެހެނީ ގިނަ މީހުން މި މޭވާ ކައި އުޅެނީ ތޮށި މަށާއިންއެވެ.
އަނބުގެ ތޮށްޓަކީ ފެޓް ސެލްތައް އުފެދުން މަދުކޮށްދޭ އެއްޗަކަށް ވުމުގެ ސަބަބުން އެއީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. ބައެއް ދިރާސާތަކުން ކެންސަރުގެ ސެލްތައް މަދުކުރުމުގައި ނުވަތަ ހަކުރު ބަލި ކޮންޓްރޯލް ކުރުމުގައި ވެސް އޭގެ ދައުރެއް ވާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން އަނބުގެ ތޮށި ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދެ އެވެ. ވިޓަމިން އޭ، ސީ، ކޭ، ފޮލޭޓް، މެގްނީޒިއަމް، ކޮލީން، ޕޮޓޭސިއަމް ފަދަ ނިއުޓްރިއެންޓްތަކުން މުއްސަނދިވެފައިވާ އަނބުގެ ތޮއްޓަކީ އަހަރެމެން ކޮންމެހެން ވެސް ކާން ރަނގަޅު އެއްޗެކެވެ.