އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާންއާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމި ނިންމުމާ ގުޅިގެން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ފާޑުވިދާޅުވެއްޖެއެވެ.
މެޖިސްޓްރޭޓް އަޙްމަދު ނިހާންއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލާފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނިކޮށް 2018 ގައި ސައްހަ ނޫން އަމުރެއް ތައްޔާރުކޮށް އެ މަނިކުފާނު ހައްޔަރުކުރަން އުޅުނު މައްސަލައެވެ.
ޖޭއެސްސީން މިއަދު ބުނީ ފުލުހުންގެ ބަޔަކު އާއްމުންގެ މީހަކާއެކު އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތްކުރިއިރު ފުލުހުންނާއެކު ދިޔަ އާއްމުންގެ މީހާއަށް އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު މެޖިސްޓްރޭޓް ނިހާން ދީފައިވާކަން ސާބިތުވާ ކަމަށެވެ. އަދި ނިހާންގެ މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަމަށްވާތީ ނިހާންއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި މުޢިއްޒު ވަނީ ޖޭއެސްސީގެ ނިންމުމަކީ ކޮން މިންގަނޑަކުން ނިންމި ކަމެއްތޯ ސުވާލު އުފައްދަވައިފައެވެ. އަދި މިއަށްވުރެ މާ ކުދިކުދި ކަންތައްތަކުގައި މަގާމުން ވަކިކުރަން ނިންމާފައިވާކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރަން ޢަމުރެއް ނެރުމާ ބެހޭ ގޮތުން ޢާންމު މީހަކާ މުޢާމަލާތު ކުރުމަކީ ކުޑަކަމެއް ނޫން ކަމަށެވެ.