ރާއްޖޭގެ ޝަރްޢީ ކޯޓެއްގައި މައްސަލައެއް ހިނގި ކަމުގައި ވިޔަސް އެކަމަށް އަދުލުވެރި ޙުކުމެއް ލިބޭނެކަމުގެ ޔަގީންކަން މިއަދު އެބައޮތް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ހުށަހަޅުއްވާފައިވާ ހެއްކާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ބަހުސްގައި ޝިފާޢު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން ދެކެމުން މިދަނީ ޝަރްޢީ ނިޒާމު މިނިވަން ކުރމަށްޓަކައި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަމިއްލަ އިސް ނެންގެވުމުގައި އެތައް މަސައްކަތެއް ކުރައްވާ މަންޒަރު ކަމަށެވެ.
ޢަދުލުވެރިކަމާ އެއްކޮށް ޝަރީޢަތް ހިނގައި ޢަދުލުވެރި އިންސާފު ރައްޔިތު މީހާއަށް ލިބޭނޭކަމުގެ ހިތްހަމަޖެހުން މިއަދު އެބައޮތް ކަމަށް ވެސް ޝިފާޢު ވިދާޅުވިއެވެ.
”މިއަދު ރައްޔިތު މީހާއަށް އޮތް ހިތްހަމަޖެހުމަކީ ރައްޔިތު މީހާއާ ގުޅޭގޮތުން ރާއްޖޭގެ ޝަރްޢީ ކޯޓެއްގައި މައްސަލައެއް ހިނގި ކަމުގައި ވިޔަސް އެކަމަށް އަދުލުވެރި ޙުކުމެއް ލިބޭނެކަމުގެ ޔަގީންކަން.“
ޝިފާޢު ވިދާޅުވީ ހެކިވެރިޔާއަށް ނުވަތަ ހެއްކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނޭކަމުގެ ހިތްހަމަޖެހުން ވެސް ރައްޔިތުންނަށް ލިބިފައިވާ ކަމަށެވެ.