ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ނާއިބް ރައީސަކަށް ހއ. އިހަވަންދޫ، އާޒާދީ ބަހާރު މުހައްމަދު ފިރާޟްއަށް މަޖިލީހުން ރުހުންދީފިއެވެ.
ޕީސީބީގެ ނާއިބު ރައީސަކަށް މުޙައްމަދު ފިރާޟަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ، ދިރާސާކުރީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީންނެވެ. ކޮމިޓީގެ ނިންމުމާ އެއްގޮތަށް ފިރާޟް ރުހުން ދޭން މަޖިލީހުން ފާސްކުރެއްވީ 57 މެންބަރުންގެ ވޯޓުންނެވެ.
ފިރާޟް ވަނީ މެލޭޝިއާގެ އޯޕެން ޔުނިވަސީޓީން މާސްޓާރ އޮފް ބިޒްނަސް އެޑްމިނިސްޓްރެޝަން ފުރިހަމަ ކުރައްވަފައެވެ. ޕީސީބީގެ ނާއިބް ރައީސްކަމުގެ މަޤާމަށް ފިރާޟް ހަމަޖައްސަވާފައިވަނީ އެމަޤާމުގައި ހުންނެވި އާސިމް މުހައްމަދު އެބޯޑުގެ ރައީސްކަމަށް އައްޔަން ކުރެއްވުމުންނެވެ.
ޕީސީބީގެ ބޯޑުގައި މިހާރު ތިއްބަވާ މެމްބަރުންނަކީ ބޯޑުގެ ރައީސް ޢާސިމްގެ އިތުރުން ދެން ތިއްބެވި މެންބަރުންނަކީ ޢާއިޝަތު ޝާޒްލީއާއި، ޢަލީ ޝަފީއުއާއި، އަހްމަދު ޝަރީފް ޔޫސުފާއި، ރުޝާހާ އަޙްމަދު ޝަރީފްއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑަކީ ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެކެވެ.
އެ ބޯޑުގައި ކުރިން ރައީސްގެ ގޮތުގައި ހުންނެވި ހަސަން ވަހީދު ވަނީ 2020 ވަނަ އަހަރު އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭގެ ފަހުން އަހަރަކާއި މަސްތަކަކަށް ފަހު ކުރިން އެ ބޯޑުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދު ވަނީ މި އަހަރު ކުރީކޮޅު ރައީސްކަމަށް އައްޔަނުކުރައްވައިފަ އެވެ