އަފްޣާނިސްތާނުގެ ކާބުލްގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި އެއް ލޮލުގެ ފެނުން ގޮސްފައިވާ އަންހެން ކުއްޖަކު ކޮލެޖް އެންޓްރަންސް އިމްތިހާނުން މަތީ ފާހަކާއި އެކު ފާސްވެއްޖެއެވެ.
ކާބުލްގައި ހުންނަ ކާޖް އެޑިއުކޭޝަން ސެންޓަރަށް ޖާނުން ފިދާވެގެން ދީފައިވާ ބޮމުގެ ހަމަލާގައި 17 އަހަރުގެ ފާތިމާ އަމީރީގެ ލޮލުގެ ފެނުން ގެއްލި، ދަތްދޮޅިއަށާއި ކަންފަތަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ.
85 އިންސައްތައިގެ މާކްސްއަކާއި އެކު ފާރިމާ ފާސްވެފައިވާއިރު، ލޮލަށް ލިބުނު ގެއްލުމާއި އެކު ވެސް އޭނާ ވަނީ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ.
ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ފާތިމާ ކާބުލްގެ ޔުނިވާސިޓީ ކިޔެވުމަށް ނިންމާފައިވަނީ ކޮމްޕިއުޓާ ސައިންސްއެވެ.
ކާބުލްގެ ދަޝްޓް އި ބަރްޗީ ސަރަޚައްދުގައި ހުންނަ ކާޖް އެޑިއުކޭޝަން ސެންޓަރަށް ޖާނުންފިދާވެގެން ބޮމުގެ ހަމަލާ ދިނުމަށް އެމީހާ ވަދެފައިވަނީ ކުދިން ޓެސްޓް ހަދަން ތިއްބާކަމަށާއި، ސެންޓަރުގެ ބޭރުގައި އިންނަ ގާޑު ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު އޭނާ ސެންޓަރުގެ އެތެރެއަށް ވަދެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މަންޒަރު ދުށް މީހުންނާއި ހަވާލާދީ ޚަބަރުތަކުގައި ބުނެފައިވާ ގޮތުގައި މިހަމަލާގައި ގިނައިން ޒަހަމްވެފައިވަނީ އަންހެން ކިޔަވާ ކުދިންނެވެ. ގާތްގަނޑަކަށް 600 މީހުން އެވަގުތު އެތަނުގައި ތިބިކަމަށް ބުނެފައިވެއެވެ.

ފާތިމާ ބުނެފައިވާ ގޮތުގައި ބޮމުގެ ހާދިސާގެ ސަބަބުން އޭނާގެ ލޮލަށް ވަރަށް ބޮޑަށް ގެއްލުން ވެ ރަނގަޅަށް ގަނޑުގައިވާ ސުވާލުތައްވެސް ނުފެންނަ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ޓެސްޓް ފުރިހަމަ ކުރިކަމަށް އޭނާ ބުނެފައިވެއެވެ.
އަދި މިހާދިސާއާއި ގުޅިގެން އޭނާ އަށް ކިޔެވުމަށް އިތުރު ހިތްވަރެއް ލިބި އަޒުމް އާވެފައިވާކަމަށް ފާތިމާ ބުނެއެވެ. ދެ ލޮލަށް ނުފެނުން ނަމަވެސް ދެ ލޮލުން ކުރާ މަސައްކަތް ދެން ކުރާނީ އެއް ލޮލުން ކަމަށް ފާތިމާ ބުނެއެވެ.
ކާޖް އެޑިއުކޭޝަން ސެންޓަރުގައި ހިނގާފައިވާ ބޮމުގެ ހާދިސާގައި ގިނަ އަންހެން ދަރިވަރުންތަކަކަށް އަނިޔާ ލިބިފައިވާއިރު، މި ބޮމުގެ ހާދިސާގައި 50 މީހަކު ވަނީ މަރުވެގެންގޮސްފައެވެ.