ދެކުނު ކޮރެޔާގެ ޒިންކް މައިނެއްގައި 9 ދުވަސް ވަންދެން ތާށިވެފައި ތިބި 2 މީހުން ސަލާމަތްކުރެވުނު އިރު، އެ ދެމީހުން އެ މުއްދަތުގައި ބޭނުންކޮށްފައިވަނީ އިންސްޓެންޓް ކޮފީކަމަށް ބުނެފިއެވެ.
އުމުރުން 62 އަހަރާއި 56 އަހަރުގެ ދެ ފިރިހެނުން މައިނުގައި ތާށިވެފައި ތިބި މުއްދަތުގައި މާ ބޮޑަށް ފިނިވާތީ އަލިފާންގަނޑެއް ރޯކޮށް، ޕްލާސްޓިކުން ޓެންޓެއް ހެދިކަމަށް އެމީހުން ބުނެއެވެ. އަދި އެ މީހުން ކެއުމަށް ބޭނުން ކުރީ އިންސްޓަންޓް ކޮފީ ޕައުޑަރު އެކަންޏެވެ.
އެ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނާއިރު، މައިނުގައި އެ ދެ މީހުން ތާށިވީ ބިމުގެ 200 މީޓަރު އަޑީގައެވެ. އެ މީހުން ތާށިވީ އޮކްޓޯބަރު 26 ވަނަ ދުވަހު މައިނުން ބަޔެއް ވެއްޓުމުންކަމަށް ޚަބަރުތައްބުނެއެވެ.
އެ މީހުން ސަލާމަތް ކުރީ ނޮވެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރައީސް ޔޫން ސުކް ޔޯލް ވިދާޅުވީ އެ މީހުން ސަލާމަތް ކުރެވުމަކީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ.
މައިނުގައި ތާށިވެފައި ތިބި ދެ މީހުން ސަލާމަތް ކުރިއިރު، މިދިޔަ ހަފުތާގައި ސޯލްގައި ފިތިބާރުވެގެން 150 މީހުން މަރުވި ހާދިސާއާ ގުޅިގެން ދެކުނު ކޮރެއާ އަދިވެސް އޮތީ ޝޮކެއްގަ އެވެ.