އަހަރެމެންގެ ތެރެއިން ގިނަ މީހުންއަކީ އަމިއްލަ ހަށިގަނޑާއި މެދު ވަރަށް ފަރުވާ ކުޑަ ކުރާ ފަރާތް ތަކެއް ކަމަށް ބަތަލާ ސޮނާކްޝީ ސިންހާ ހާމަކޮށްފިއެވެ.
މިއީ ތެދު ހަޤީޤަތެއް ކަން އަހަރެމެން އެންމެން އަށް ވެސް އިނގެއެވެ. ނަމަވެސް އުޅެން ޖެހިފައިވާ މާހައުލުގެ ގޮތުން އާއި ބިޒީ ޝެޑިއުލްގެ ސަބަބުން ކަމަށް ބުނެ ގިނަ މީހުން އަމިއްލަ ހަށިގަނޑުގެ ދުޅަހެޔޮ ކަމަށް ވަރަށް ފަރުވާ ކުޑަ ކުރެއެވެ.
މިފަހުން ސޮނާކްޝީ ހާމަކޮށްފައިވާ ގޮތުގައި އޭނާ އަކީ ވެސް މީގެ ކުރިން ފަލަ ކޮށް ހުރި ފަންނާނެއް ކަމަށާއި ނަމަވެސް 30 ކިލޯ ލުއިކޮށް ރީތި ބައްޓަމަށް ހަށިގަނޑު ގެނެވުނީ އޭނާގެ ބުރަ މަސައްކަތުން ކަމަށެވެ.
އެގޮތުން ގިނަ އަންހެނުން އަކީ ކައިވެންޏަށް ފަހުގައި އަމިއްލަ ހަށިގަނޑާއި މެދު ފަރުވާ ކުޑަ ކުރާ މީހުން ކަމަށާއި ދުވާލަކު ކޮންމެވެސް ވަގުތެއް އަމިއްލަ ހަށިގަނޑަށް ހުސްކޮށް ސިއްޙަތަށް ފައިދާ ހުރި ކާނާ ކެއުމަށް އާދަކުރުމަށް ވެސް އޭނާ ވަނީ ނަސޭހަތް ތެރިވެފައެވެ.