ޢަރަބިއްޔާ ސްކޫލު ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ސަޢީދާ އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކޮށްފިއެވެ.
ޙުސައިން ސަޢީދާ އެ މަޤާމު ހަވާލު ކުރެއްވީ ޢަރަބިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު މިއަދު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.
އެޑިއުކޭޝަނުން މިރޭ ބުނި ގޮތުގައި އެ ބަދަލު ގެނައީ ޢަރަބިއްޔާގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ކުދިންނަށް ކަންކަން ފަހިވާ ގޮތަށް ކަންކަން ރާވައި އިންތިޒާމު ކުރުމުގެ ގޮތުންނެވެ. އަދި ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ގެންނަންޖެހޭ ބަދަލުތައްގެނައުމަކީ އެ މިނިސްޓްރީން އަބަދުވެސް ކުރަމުންދާ މަސައްކަތެއް ކަމަށެވެ.
ޕްރިންސިޕަލް ޝުޖާއު ވަކިކުރުމަށްފަހު ވަނީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކޮށްފައެވެ. އެކަމާ ނުރުހުން ފާޅުކޮށް ޢަރަބިއްޔާގެ ބެލެނިވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ.