އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު އެ މަގާމުން ވަކިކޮށްފައި ނުވާ ކަމަށާއި އިދާރީ ގޮތުން ގެނައި ބަދަލަކާ އެކު އޭނާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އަށް މާދަމާއިން ފެށިގެން ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ޝުޖާއު މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަހްމަދު އަލީ އާއި ހަވާލާދީ ”އަދަދު“ ނޫހުގައި ބުނެފައިވާ ގޮތުގައި، ޝިޖާއު މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް ލިޔެފައިވެއެވެ. އަދި އޭނާ މާދަމާއިން ފެށިގެން އަރަބިއްޔާ ސްކޫލްގެ ބަދަލުގައި އެން.އައި.އީއަށް ޕްރިންސިޕަލްގެ މަގާމަށް ނުކުތުމަށް އަންގާފައިވާނެކަމަށް މިނިސްޓްރީއިން ބުނެފައިވާކަމަށް ”އަދަދު“ ނޫހުގައި ބަޔާންކޮށްފައިވެއެވެ.
”އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް އެޑިއުކޭޝަން މިނިސްޓްރީގެ (ދަށުން ހިންގާ)، އެން.އައި.އީ އަށް މާދަމާގެ ތާރީހުން ފެށިގެން ބަދަލުކޮށްފައި ވަނީ،“ އަހްމަދު ވިދާޅުވި އެވެ.
އޭނާ މަގާމުން ވަކިކޮށްފައިވަނީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށްގެންދާ ”ސޭވް އަރަބިއްޔާ“ ކެމްޕޭން ނުހުއްޓުވައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް، އޭނާ އެން.އައި.އީއަށް ބަދަލުކުރީ އެ ކެމްޕޭނާ ގުޅިގެން ނޫން ކަމަށް ވެސް އެޑިއުކޭޝަންގެ ޕާމަނަންޓު ސެކްރެޓަރީ އާއި ހަވާލާދީ ”އަދަދު“ ނޫހުގައި ބުނެފައިވެއެވެ.
”ހުރިހާ ސްކޫލުތަކަށް ވެސް އަޅުގަނޑުމެން ގެންނަ ބަދަލެއް މިއީ. ސްކޫލުތަކުގެ އިދާރީ ހިންގުމުގައި ހުރި މައްސަލަތައް ދިރާސާ ކުރުމަށް ފަހު ގެންނަ ބަދަލުތަކެއް މިއީ. އެހެން ފަރާތަކާ ސްކޫލުތައް ހިންގުން ހަވާލުކުރުން އެއީ އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށް ގެންނަ ބަދަލެއް،“ އަހްމަދު ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލް ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލްއާއި ކަމަށް މަޢުލޫމާތުލިބިފައިވެއެވެ.