އިންޑޮނޭޝިޔާގެ ޖާވާގައި ދިރިއުޅެމުންދާ މީހެއްކަމުގައިވާ އުމުރުން 61 އަހަރުވީ ޤާންގެ ކައިވެނީގެ ހަޔާތުގައި އާދަޔާ ޚިލާފު އެތައް ކަމެއް ހިމެނިފައިވެއެވެ. އޭނާ ވަނީ ތަފާތު 46 އަންހެނުންނާ 87 ފަހަރަށް ކައިވެނިކޮށްފައެވެ. އަދި މިހާރު އުއްމީދު ކުރަމުންދަނީ އިތުރު ކައިވެންޏެއް ކުރުމަށެވެ. އެ ކައިވެނި ހިމެނިގެންދާނީ އޭނާގެ 88 ވަނަ ކައިވެންޏަށެވެ.
ޤާންގެ ޒަވާޖީ ހަޔާތުގެ ވާހަކަތައް ތިލަވީ މީސްމީޑިއާގައި އެ ވާހަކަތައް އޭނާގެ ރައްޓެއްސަކު ލިއުމާ ގުޅިގެންނެވެ. އެހާތަނުން އޭނާގެ ހަޔާތުގެ ސިއްރުތައް ހޯދުމަށް ނޫސްވެރިން ތެޅިގަތެވެ. ޤާން އެންމެ ފުރަތަމަ ހެދީ ދެކޮޅެވެ. އެއިން ވާހަކައެއް ކިޔައިދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް އޭނާއަށް ހަޔާތުގެ ސިއްރުތައް ހިފަހައްޓައެއްނުލެވުނެވެ. އޭނާއަށް ޖެހުނީ އެ ވާހަކަތައް ކިޔައިދޭށެވެ.
ޤާން ބުނި ގޮތުގައި އޭނާގެ އުމުރުން އެންމެ 14 އަހަރުގައި ފުރަތަމަ ކައިވެނި ކުރީ އޭނާއަށްވުރެ ދެ އަހަރު ހަނގު ކުއްޖަކާއެވެ.
އެ ކައިވެނި ދެމި އޮތީ އެންމެ ދެ އަހަރަށެވެ. އޭގެ ފަހުން ކައިވެނީގެ ސިލްސިލާގެ ބޮޅުތައް ގެތެމުން ދިޔައެވެ. ކައިވެންޏަކަށް ފަހު ކައިވެންޏެކެވެ. އެކަކަށް ފަހު އަނެކެކެވެ.

ޤާން ބުނި ގޮތުގައި އޭނާ ކައިވެންޏާ ނުލައި ހިލޭ އަންހެނުންނާ ގުޅުން ބާއްވާކަށް ބޭނުމެއް ނޫނެވެ.
”އެހެންވެ އަހަރެން ކައިވެނި ކުރަނީ.“ އޭނާ ބުންޏެވެ.
ޤާން ބުނި ގޮތުގައި އޭނާގެ 87 ކައިވެނީގެ ތެރެއިން ކޯޓުގައި ރަޖިސްޓްރީ ކޮށްގެން ކުރީ 40 ކައިވެންޏެވެ. އެހެން ކައިވެނި ކޮށްފައި ވަނީ ދީނީ އުސޫލުގެ މައްޗަށް ބިނާކޮށް ރަސްމީކޮށް ރަޖިސްޓްރީ ނުކޮށެވެ.
ޤާންގެ 87 ކައިވެނީގެ ތެރެއިން އެންމެ ގިނަ ދުވަހަށް އޭނާއަށް މީހަކާ އިނދެގެން އުޅެވުނީ 14 އަހަރަށެވެ. ބައެއް ކައިވެނި އަހަރު ދެ އަހަރަށް އަދި އަނެއްބައި ކައިވެނި ދިގުދެމިގެން ދިޔައީ މަސްދުވަހަށެވެ. އަދި ކައިވެނި ކުރިތާ އެއް ހަފުތާ ފަހުން ވެސް އެއްފަހަރަކު އޭނާ އަނބިމީހާ ވަރިކުރިއެވެ.
ޤާންއާ ބެހޭ ގޮތުން ލިޔެފައިވާ ލިއުންތަކުން 87 ކައިވެންޏަށް އޭނާއަށް ލިބިފައި ވަނީ ކިތައް ކުދީންކަން ބަޔާންކޮށްފައެއް ނުވެއެވެ. ގިނަ އަދެއްގެ މީހުންނާ ކައިވެނިކޮށްފައިވާ ޤާން އިންޑޮނޭޝިޔާގައި މަޝްހޫރުވެފައި ވަނީ ”ޕްލޭ ބޯއި“ގެ ނަމުންނެވެ.
ތަފާތު 46 އަންހެނުންނާ 87 ފަހަރަށް ކައިވެނި ކުރެވުނަސް ޤާންގެ ހިތް އަދި ނުފުރެއެވެ. އޭނާ ހުރީ 88 ވަނަ ކައިވެނީގެ އުއްމީދުގައެވެ.