ކޮޕް 27ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެހެން ޤައުމެއް ތަމްސީލު ކުރެއްވުމަށް ވަޑައިގަތުން އެމް.އާރް.އެމް އިން ކުށްވެރިކޮށްފިއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)އިން މިކަން ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، މިއީ ދިވެހި ދައުލަތުގެ މަސްލަހަތާ ފުށުއަރާ، ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ރޫހާ ޚިލާފު، މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތު ތަކަށް އޮޅުން އަރާ، ސުލޫކީ މިންގަނޑުތަކާ ހިލާފު އަމަލެއް ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ރާއްޖޭން ވެސް ބައިވެރިވާ ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި އެހެން ގައުމެއްގެ މަންދޫބެއްގެ ގޮތުގައި ވަޑައިގަތުމަކީ ނަޝީދުގެ ހިތްޕުޅުގައި ރާއްޖެ އަށް އޮތް ގަދަރު ކުޑަކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އެމް.އާރް.އެމުން ބުނެއެވެ.
މީގެއިތުރުން ރާއްޖޭގެ ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ އަދި މިހާރު ރައްޔިތުން އިންތިޚާބުކޮށްފައިވާ އެމީހުންގެ މަންދޫބުންގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ތިން ބާރުގެ ތެރެއިން ގާނޫނު ހެދުމުގެ ބާރުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ނަޝީދު މިފަދަ އަމަލެއް ހިންގެވުން ކުށްވެރިކުރާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.
މިސްރުގައި ކުރިއަށްދާ މި ސަމިޓްގައި ނަޝީދު ލަންކާ ތަމްސީލުކުރައްވާއިރު، އެގައުމުގެ ރައީސް ރަނިލްގެ ވިކްރަމްސިންހަގެ އިންޓަނޭޝަނަލް ކްލައިމެޓް އެޑްވައިޒަރުގެ މަގާމަށް ދާދިފަހުން ނަޝީދު ވަނީ އައްޔަންކުރައްވާފަ އެވެ. ނަޝީދަކީ ލަންކާ އަށް ދިމާވެފައި އޮތް މާލީ އަދި އިޤްތިޞާދީ ތަދުމަޑުކަމާއި ގުޅިގެން އެ ގައުމަށް ބޭރުގެ އެހީ ހޯދައިދޭން މަސައްކަތްކުރެއްވުމަށް ހަމަޖައްސާފައިވާ ބޭފުޅެއް ވެސް މެއެވެ.
ކޮޕް ސަމިޓްގައި ރާއްޖެ ތަމްސީލުކުރައްވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ.
މި ސަމިޓަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމާއި، އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމާއި، އަދި އެކަށީގެންވާގޮތެއްގައި މާލީކަންކަން ފަހިކުރުންފަދަ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅާ ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާގޫޅޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ.