އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ އެ ޕާޓީގެ ޕްރައިމަރީ ބާއްވާނެ ތާރިޚެއް އިޢުލާން ކުރެވޭނީ އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމެރީ ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް މީގެ ކުރިން ވެސް އެ ޕާޓީން ބުނެފައިވާއިރު، ޕްރައިމެރީ ބާއްވާނެ ވަކި ތާރީޚެއް އިއުލާންކޮށްފައި ނުވާ ކަންވެސް ފާހަގަކޮއްލެވެއެވެ.
ނަމަވެސް މިއަދު އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ޕާޓީގެ ޕްރައިމެރީ ބާއްވާނެ ވަކި ތާރީޚެއް ކަނޑައަޅައި އިޢުލާން ކުރެވޭނީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ބުނެފައެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވަނީ ދެވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތިލުމަށް ތައްޔާރަށް ހުންނެވިކަން ފުރަތަމަ ފަހަރަށް އިޢުލާނުކުރައްވާފައެވެ.
އެކަމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއީ އަމިއްލަ އުންމީދު އިސްކޮށް ވެރިކަމަށް ފައިނަންގަވަންވީ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް, ވަރުގަދަ ރައްދެއް ދެއްވާފައެވެ.
މީގެ އިތުރުން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙުގެ ކެންޑިޑެސީގެ އުންމީދު ގުޅިފައި އޮތީ ޖުމްހޫރީ ޕާޓީން ނިންމާ ނިންމުމެއްގެ މައްޗަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ނަޝީދު ވާދަކުރައްވާނެކަން އެމަނިކުފާނުގެ އާއިލީ ބޭފުޅެއް ކަމަށްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވަނީ މީގެ ކުރިން އިޢުލާނު ކުރައްވާފައެވެ.
ދާދީ ފަހުން ޕީޕީއެމް/ ޕީއެންސީގެ ސެނެޓުންވެސް ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ރައީސް ޔާމީން އަބްދުލްގައްޔޫމްކަން ޕްރައިމަރީއަކާ ނުލާ ނިންމާ އެ ޕާޓީގެ ރިޔާސީ ޓިކެޓް މި އަހަރުގެ އޯގަސްޓް މަހުގެ 19ވަނަ ދުވަހު ރައީސް ޔާމީން އާއި ހަވާލުކުރައްވާފައެވެ.