ކުރީގެ ރައީސް ޔާމީން މިއަދު އައްޑު ސިޓީއަށް ވަޑައިގަތުމާއި ގުޅިގެން ގަން އެއާޕޯޓުން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.
އައްޑޫ ސިޓީގެ ހުރިހާ އަވަށަކުން ވެސް މަރުޚަބާ ކިޔަން ގިނަ ބަޔަކު އެއާޕޯޓަށް ޖަމާވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މަރުޚަބާ ކިޔުމަށް ޖަމާވި މީހުންނާ އެކީ ގަން އެއާޕޯޓްގެ ވީއައިޕީ ޓާމިނަލްގެ ބޭރުގައި ސަޕޯޓަރުން މަރުޚަބާ ކިޔުމަށް ގޮސް ތިއްބެވެ.
އައްޑޫ ސިޓީއަށް މިއަދު މޫސުން އެހާ ރަނގަޅު ނޫން ނަމަވެސް، ޔާމީނަށް މަރުހަބާ ކިޔަން ދުރާލައި ޕާޓީގެ އައްޑޫގެ މެމްބަރުން ވި ތައްޔާރީތަކާ އެކީ ފެނުނީ ވަރަށް ފޯރި އާއި ޖޯޝެވެ.
ޔާމީން މިއަދުން ފެށިގެން މި މަހުގެ 9 އާ ހަމައަށް އައްޑު އަށް ކުރައްވާ ދަތުރުގައި އައްޑޫގެ ހުރިހާ އަވަށަކަށް ވެސް ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާނެ އެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ފޭދޫގެ މެމްބަރުންނާ ބައްދަލުކުރުމަށް ޕީޕީއެމްގެ ފޭދޫ އޮފީހަށެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރުމަށްޓަކައި ރިޔާސީ ޓިކެޓް ވެސް ހަވާލުކޮށްފައިވާ ރައީސް ޔާމީން އައްޑު އަށް ކުރައްވާ ދަތުރުގައި ޚާއްސަ ޖަލްސާއެއް ވެސް އައްޑޫގައި ބާއްވަން ހަމަޖެހިފައިވެ އެވެ.






ޔާމީން އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ 2018 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގަ އެވެ. އަދި މިއީ އެ މަނިކުފާނު ތަންފީޒުކުރައްވަމުން ގެންދެވި ޖަލު ހުކުމުން ސަލާމަތްވެވަޑައިގަތް ފަހުން އައްޑު އަށް ކުރައްވާ ފުރަތަމަ ދަތުރު ވެސް މެ އެވެ.
ރާއްޖޭގެ އެކި އަތޮޅުތަކަށް ވަޑައިގެން ޔާމީން ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، ޕީޕީއެމުން ބުނެފައި ވަނީ ރިޔާސީ އިންތިޚާބުގެ ކުރިން ޔާމީން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ.