އުދައެރުމުން ލިބިދާނެ ގެއްލުންތަކުން މިސްކިތް ހިމާޔަތްކުރުމާއި ރައްކާތެރިކުރުމުގެ ގޮތުން މާލެ ސިޓީގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުގއި ފާރެއް އިމާރާތްކޮށްފިއެވެ.
ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަޙައްދަކީ މާލޭގައި ވަރަށް ގަދަޔަށް އުދައަރާ ސަރަޙައްދަކަށްވާއިރު، އުދައަރާ ކޮންމެ ފަހަރަކު މާލެ ސިޓީ ކައުންސިލުން އެސަރަހައްދު ސާފުކޮށް ހަދައެވެ.
މި ފާރު އިމާރާތް ކުރުމަށްފަހު މާލެއަށް އުދަ އެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަވާނެކަމަށް ސިޓީ ކައުންސިލްއިން ބުނެފައިވެއެވެ. އަދި އެ ސަރަޙައްދުގައި ތަރައްގީކޮށްފައިވާ ޕާކިން ޒޯނުގައި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަށް ވެސް ލޮނުގެ އަސަރުތައް ކުރާ މިންވަރު ދަށްވާނެކަމަށް އެ ކައުންސިލްއިން ފާހަގަކުރެއެވެ.
މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި މާލެ ސިޓީ ކައުންސިލުން އިމާރަތް ކުރި ފާރުގެ ފޮޓޯތަކެއް ވަނީ ހިއްސާކުރައްވާފައެވެ.
އިއްޔެ މާލެއަށް އުދައެރުމުގެ ސަބަބުން ކާނިވާ ސަރަޙައްދާއި، ބޮޑުތަކުރުފާނުމަގުގެ ބޮޑު ސަރަޙައްދަކަށް ވަނީ ލޮނުގެ އަސަރުކޮށްފައެވެ. މާލެއަށް އުދަ އަރާފައިވާއިރު، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އުދަ އަރާނެކަމަށް ލަފާކޮށް އެ ސަރަޙައްދުތަކަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.