މިއަދު މިސްރުގައި ފަށާ މި އަހަރުގެ ކޮޕް27 ސަމިޓްގައި އައްޑޫ ސިޓީގެ ހިރާ ސްކޫލްގެ ދެ ދަރިވަރަކު ބައިވެރިވާނެއެވެ.
ކޮޕް 27 ގައި ބައިވެރިވުމަށް މިސްރަށް ފުރާފައިވަނީ ހިތަދޫގައި ހިންގާ ހިރާ ސްކޫލްގެ ދެ ދަރިވަރުންނެވެ.
މި އަހަރުގެ ޖެނުއަރީގައި ޔޫއޭއީގެ ސަރުކާރުން ދިން ”ޒައިދު ސަސްޓެނައިބިލިޓީ އެވޯޑް“ ވެސް ލިބުމާ ގުޅިގެން ހިރާ ސްކޫލަށް ފަހިވި ފުރުސަތާއި އެކު ކޮޕް27 އަށް ހިރާ ސްކޫލްއިން އިން ބައިވެރިވަނީ އެ ސްކޫލްގެ ގްރޭޑު 10 ގައި ކިޔަވަމުން އަންނަ އައިޝާ ސާރާ އަހުމަދު އަދި އިޒާން މަޝްހޫދެވެ. މި ދެ ދަރިވަރުން ސަމިޓްގައި ތަމްސީލު ކުރާނީ ޒައިދު ސަސްޓެއިނިބިލިޓީ އެވެ. ސަމިޓްގައި ބައިވެރިވާނެ ކުދިން ކަނޑައެޅީ ވެސް ޒައިދު ސަސްޓެއިނިބިލިޓީންނެވެ.
ހިރާ އަށް ޒައިދު ސަސްޓެއިނިބިލިޓީ އެވޯޑު ލިބުނީ ދެކުނު އޭޝިއާގެ ގްލޯބަލް ހައި ސްކޫލް ކެޓަގަރީންނެވެ. އެ އެވޯޑަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތެރި ވިސްނުންތަކަށް މަސައްކަތްކުރާ އަދި އެ ދާއިރާ އިން ނަޖީތާ ހާސިލުކުރާ ފަރާތްތަކަށް ޔޫއޭއީގެ ބާނީ ޝައިހް ޒައިދު ބިން ސުލްތާން އަލް ނަޙްޔާންގެ ނަމުގައި ދޭ އެވޯޑެކެވެ.
ހިރާ އިން ބުނީ އދ. އިން އިންތިޒާމުކޮށްގެން ބާއްވާ ދުނިޔޭގެ ތިމާވެށީގެ ސަމިޓްގައި ހިރާ ސްކޫލް ހިއްސާވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް އަދި ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިއަދު މިސްރުގެ ޝަރުމުއްޝައިހުގައި ފަށާ ކޮޕް27 ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ސަމިޓްގައި މާދަމާ ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން ފައިސަލް އިއްވަން ވުމަށް ހަމަޖެހިފައިވެ އެވެ. ސަރުކާރުން ބުނީ ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭންތައް ބައިނަލްއަގުވާމީ މުޖުތަމައާ ހިއްސާކުރަން ފަހިވާ ވަރަށް މުހިއްމު ފުރުސަތެެއް ކަމަށެވެ.