ފަހަތުން އަރައި އެމްޕީއެލް ބަލިކޮށް ފެނަކަ އިން ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ އިން ހޯދީ ރޭ ކުޅުނު ފައިނަލްގައި އެމްޕީއެލްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މިއީ މި މުބާރާތް ފެނަކަ އިން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ލީޑު ނެގީ އެމްޕީއެލް އިންނެވެ. މި ގޯލް 15 ވަނަ މިނެޓުގައި ޖެހީ އަލީ ޝަމާލް އެވެ. ފެނަކަ އަށް 33 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ މުހައްމަދު އައްޒާމް އެވެ. ފެނަކަ މޮޅުވީ ފަހު މިނެޓުގައި ހުސެއިން ޝަރީފް (އޮންލީ) ޖެހި ގޯލުންނެވެ.
ފައިނަލް މެޗަށް ފަހު ފެނަކަ އަށް ތަށި ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެނަކައިގެ އަޔާޒް އަހުމަދެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަޔާޒުގެ އިތުރުން ފެނަކައިގެ އޮންލީ އާއި އެމްޕީއެލްގެ ސާދު ނިޒާރާއި އިސްމާއިލް ފާތިހު އަދި އެޗްޑީސީގެ ޝާފިއު އެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ 13 ގޯލް ޖެހި ފެނަކައީގެ އޮންލީ އެވެ.
މޮޅު ކޯޗަކަށް ހޮވުނީ ފެނަކައިގެ ނަސީރު (އަބޯ) އެވެ.