ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލް ރާޖްކުމާރު ރާއޯ އޭނާގެ ސިފަ ހުތުރު ކަމަށް ބުނެ ބޮލީވުޑް އެތައް ފިލްމަކުން ބޭރު ކޮށްފައިވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
އެގޮތުން އެތައް ފިލްމެއްގެ ހީރޯގެ ރޯލަށް އޭނާ އޮޑިޝަންއަށް ވެސް ގޮސްފައިވާ ކަމަށާއި ނަމަވެސް އޭނާ ވަނީ އޮޑިޝަންއިން ވެސް ބޭރު ކޮށްފައި ކަމަށް ރާޖްކުމާރު ވަނީ ހާމަކޮށްފައެވެ.
އެއްބަޔަކު އޭނާގެ ސިފަ ހީރޯ އެއްގެ ސިފައަށް ވުރެ ހުތުރު ކަމަށް ބުނަމުން ދާއިރު އަނެއް ބަޔަކު ވަނީ އޭނާގެ އިސްކޮޅަށް މަލާމަތް ކޮށްފައި ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ލީޑް ރޯލު ދިނުމަށް ފަހުގައި ވެސް ފިލްމު ތަކުން އޭނާ ބޭރު ކުރާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ނަމަވެސް ރާޖްކުމާރު އަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލް އެކެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލް ދެން ފެނިގެންދާނީ ނެޓްފިލިކްސް އިން ނޮވެމްބަރ 11 ގައި ނެރޭ ފިލްމު “ އޯ މައި ޑާލިންގްސް“ އިންނެވެ.