ސްރީލަންކާގެ ޤައުމީ ވަފްދުގެ މެންބަރެއްގެ ގޮތުގައި ކޮޕް 27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިޞްރަށް ވަޑައިގަތުމުން ފާޑުވިދާޅުވެ އެމްޑީޕީގެ ފުރަތަމަ ރައީސް ޑރ.މުޙައްމަދު މުނައްވަރު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޑރ.މުނައްވަރު ކުރެއްވި ޓުވީޓެއްގައި ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން އެހެން ޤައުމެއްގެ ވަފުދުގައި އެ ޤައުމު ތަމްސީލު ކުރައްވަން ވަޑައިގަތުމުން ސުވާލު އުފައްދަވައިފައެވެ.
އަދި އެ މަނިކުފާނު އެ ގޮތަށް ވަޑައިގެންނެވިއިރު މުނައްވަރު ވަނީ ދިވެހި ޤައުމު ކޮބައިތޯއާއި ދިވެހި ދައުލަތަށް ވަފާތެރިވުމަކީ ކޮބައިތޯ ވެސް ސުވާލު ކުރައްވައިފައެވެ.
ޑރ.މުނައްވަރުގެ ޓުވީޓާ ގުޅިގެން މައުމޫން ވިދާޅުވީ ”ވަރަށް ރަނގަޅު ވާހަކަފުޅެއް“ ކަމަށެވެ.
ޑރ.މުނައްވަރުގެ ވާހަކަފުޅަށް ތާއީދުކުރައްވައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ އެއްވެސް މެންބަރަކަށް، އެއީ ރައީސްކަމަށް ވިޔަސް މެންބަރުކަން ފިޔަވައި އެއްވެސް ދައުލަތެއްގެ އެއްވެސް ވަޒީފާއެއް އަދާކުރުމަށް ޤާނޫނުއަސާސީ ތަނެއް ނުދޭ ކަމަށެވެ.