ޕީޕީއެމްއިން މިއަދު ބޭއްވި އެތެރޭގެ އިންތިޚާބަކީ ޑިމޮކްރެޓިކް އިންތިޚާބެއް ކަމަށާއި އެމްޑީޕީން ނަމޫނާ ނަގަންޖެހޭކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ އިދާރީ ދާއިރާތަކަށް ރައީސުން ކަނޑައެޅުމުގެ އިންތިޚާބުގައި މާލޭގައި ވޯޓުލާ މަރުކަޒު، ހެންވޭރު ދަނޑަށް ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ
އެމްޑީޕީއަށް ޑިމޮކްރަސީގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެމްޑީޕީން މުޅި ރާއްޖެ ވިއްކާލައިފި ކަމަށެވެ.
”އެހެންވީމަ ލަދު ހަޔާތުގެ ކަންފުޅެއް ވެސް ހުރިއްޔާ އެ ކަހަލަ ވާހަކަ ނުދައްކައި ގޭގައި މިއަދު ތިބެންވާނީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.
”ޅުގަނޑުމެން ވޯޓު މި ދެނީ ޓައްޕުތަކަށް އަޅައިގެންތޯ. ނޫނީ އުވަގަށާ މެޝިނުގައިތޯ އަޅުގަނޑުމެންގެ ކަރުދާސްތައް މިހުރީ. އަޅުގަނޑުމެންގެ ވޯޓު ކަރުދާސްތަކެއް އުވަގަށާ މެޝިނަކު ނެތެއްނު. ޓައްޕުތަކުގައެއް ބާލިދީތަކުގައެއް ނޫނެއްނު މި އެއްޗެހި އުފުލަނީކީ.“ ޕީޕީއެމްއަކީ ޑިމޮކްރަސީއާ ބީރަށްޓެހި ޕާޓީއެއްކަމަށް އެމްޑީޕީން ސިފަކުރާތީ އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލަށް ދެއްވި ޖަވާބުގައި ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު 2018 ވަނަ އަހަރުގެ ރިޔާަސީ އިންތިޚާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ އިންތިޚާބުގެ ވޯޓު ފޮށިތައް ފުލުހުން ގެންދިއުމުން ވޯޓު ކަރުދާސްތައް އެޅުމަށް ސިމެންތި ގަށާ މެޝިނުފަދަ ތަކެތި ބޭނުންކުރިއެވެ.