އިދިކޮޅު ޕީޕީއެމްއިން މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ހުއްޓުވަން ފުލުހުން ނުފޮނުވާ ކަމަށާއި އެއިން އަންގައިދެނީ ސިޔާސީ މިނިވަންކަން މިހާރު އެބައޮތްކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ އިދާރީ ދާއިރާތަކަށް ރައީސުން ކަނޑައެޅުމުގެ އިންތިޚާބަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ފައްޔާޟް ވިދާޅުވީ ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރު އޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް ކަމަށެވެ.
މީގެ ފަސް އަހަރު ކުރިއާ މިއަދުގެ މަންޒަރު ކިތަންމެހާ ވެސް ތަފާތު ކަމަށާއި އޭރު ފުލުހުން ވޯޓު ފޮށި ބަލައި އައިކަން ފައްޔާޟް ފާހަގަކުރެއްވިއެވެ.
ފައްޔާޟް އެ ޢިޝާރަތް ކުރައްވަނީ ރައީސް ޔާމީންގެ ޒަޢާމަތުގައި 2018 ވަނަ އަހަރުގެ ރިޔާަސީ އިންތިޚާބަށް ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބޭއްވި ޕްރައިމަރީ އިންތިޚާބަށެވެ. އެ އިންތިޚާބު ކުރިއަށްދިޔައިރު އޭރުގެ ސަރުކާރުން ފުލުހުން ފޮނުވައިގެން އެކަމަށް ހުރަސްއެޅިކަން ފާހަގަކޮށްލެވެއެވެ.