ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ދިން ހަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށް ސަޕޯޓަރުން ބުނަމުންދާއިރު، އެކަން ބައިނަލްއަޤްވާމީ ފެންވަރުގައި ދަނީ ކުށްވެރިކުރަމުންނެވެ.
އެމަނިކުފާނަށް ދިން ހަމަލާގެ މަންޒަރުގެ ވީޑިއޯ ފުޓޭޖްތަކެއް ވަނީ އާއްމުވެފައެވެ. ބަޑީގެ ވަޒަން އިމްރާން ޚާންގެ ފަޔަށް އެރިތަނާއެކު ސަޕޯޓަރުން އެމަނިކުފާނު ވަށާލާތަން ފެނެއެވެ. އެއާއެކު ބުލެޓް ޕްރޫފް ކާރަކަށް އަރުވައިގެން އިމްރާން ހޮސްޕިޓަލަށް ގެންދެއެވެ. ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.
އިމްރާން ޚާންގެ އަރިސް ބޭފުޅުން ނޫސްތަކަށް މައުލޫމަތު ދީފައިވާ ގޮތުންނަމަ ހަމަލާގެ ފަހަތުގައި ބޮޑުވަޒީރު ޝަރީފާއި އިންޓީރިއާ މިނިސްޓަރާއި އަސްކަރީ ޖެނެރަލަކު ހިމެނޭ ކަމަށް އިމްރާން ގަބޫލުކުރައްވާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އިންޓީރިޔާ މިނިސްޓަރު ރަނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އިމްރާން ޚާން ބައިވެރިވެވަޑައިގެންނެވި މުޒާހަރާގެ ސަލާމަތީ ކަންކަން ގޯސްވުމުގެ ޒިންމާ ނަގަން ޖެހޭނީ ޕަންޖާބު ސިޓީގެ ސަރުކާރުން ކަމަށެވެ. އިމްރާން ޚާން އަކީ ސިޔާސީ ވާދަވެރިއެއް ކަމަށާއި ނަމަވެސް ދުޝްމަނެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބޮޑުވަޒީރުކަމުން ދުރުކުރުމަކީ ސިޔާސީ ރޭވުމެއްގެ ގޮތުގައި މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އިމްރާން ޚާން ވަނީ ސިފަކުރައްވާފައެވެ. ސަރުކާރާއި އަސްކަރީ ލީޑަރުންގެ މަސްތަކެއް ވަންދެން އިމްރާން ހާން ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކޮރަޕްޝަންގެ މައްސަލަތަކުގައި ކޯޓުތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް، އެ ހުކުމްތަކަކީ ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ހުކުމެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގެ އިރުއުތުރުގައި އޮންނަ ވަޒީރު އާބާދުގައި ބުރާސްފަތި ދުވަހު ބޭއްވި ހިނގާލުމުގައި ދިން ހަމަލާގައި އުމުރުފުޅުން 70 އަހަރުގެ އިމްރާން ޚާންގެ ފައި ވަނީ ޒަހަމްވެފައެވެ. އެމަނިކުފާނުގެ ހާލުކޮޅު އަންނަނީ މިހާރު ރަނގަޅުވަމުންނެވެ. މުޒާހަރާއަށް ދިން ހަމަލާގައި އެކަކު މަރުވެ 10 މީހުން ޒަހަމްވިއެވެ. އެ ހަމަލާއާ ގުޅިގެން ވެރިރަށް އިސްލާމްއާބާދުގެ ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ.
މިއަދުގެ ހުކުރު ނަމާދަށް ފަހު، އިމްރާން ޚާން ނިސްބަށްވެވަޑައިގަންނަވާ ޕީޓީއީ ޕާޓީން ވަނީ މުޒާހަރާތައް ވަރުގަދަކުރުމަށް ސަޕޯޓަރުންނަށް ގޮވާލާފައެވެ. އިމްރާން ޚާންގެ ސިޔާސީ ވާދަވެރިން އަދި މިހާރުގެ ރައީސް އާރިފް އަލްވީގެ އިތުރުން ބޮޑުވަޒީރު ޝާހް ބަހަޒް ޝަރީފްވެސް ވަނީ ހަމަލާ ކުށްވެރިކޮށް އެކަން ތަހުގީގުކުރުމަށް ގޮވާލައްވާފައެވެ.
ޕާކިސްތާނަކީ ސިޔާސީ ހަމަނުޖެހުންތަކުގެ ރެކޯޑް އޮންނަ ގައުމައެކެވެ. 2007 ވަނަ އަހަރު އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ ވަނީ އަވަހާރަކޮށްލާފާއެވެ. އިމްރާނަށް ދިން ހަމަލާއާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ އެކަމަނާ އަވަހާރަވި ގޮތުގެ ހަނދާންތައް އާކުރަމުންނެވެ.
ބޮޑުވަޒީރުގެ މަގާމުމް އިމްރާން ޚާން ދުރުކޮށްފައިވަނީ، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައެވެ. އެއާއެކު އަވަސް އިންތިޚާބަކަށް ގޮވާލާ އިމްރާން ޚާން ގެންދަވަނީ މުޒާހަރާތައް ބާއްވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަނީ، އެންމެ އަވަހަށް ވެސް އާންމު އިންތިޚާބެއް އޮންނާނީ ކުރިން ވެސް ކަނޑައެޅިފައި އޮތް މުއްދަތުގައި ކަމަށެވެ. އެއީ އަންނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހު ކަމަށެވެ.