ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދަން އިނގިރޭސިވިލާތުން އެއްބަސްވެ އެކަން ހާމަކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޖޭމްސް ކްލެވާލީއާއި ހަވާލާދީ ބީބީސީއިން ހާމަކޮށްފައިވާ ގޮތުގައި، އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ޗާގޮސްގެ ރަށްތަކާއި ބެހޭ ގޮތުން އުފެދިފައިވާ ހުރިހާ މައްސަލަތައް ހައްލުކުރުމަށް މޮރިޝަސްއާއި އެކު މަޝްވަރާކުރުމަށް އެގައުމު ތައްޔާރަށް އޮތްކަމަށް ބުނެފައިވެއެވެ.
މޮރިޝަސްއާއި އެކު މަޝްވަރާކުރުމަށް އެގައުމުން ނިންމާފައިމިވަނީ ޗާގޮސްގެ ރަށްތަކަށް ބާރު ހިންގަން އިނގިރޭސީން ބައިނަލްއަގްވާމީ ކޯޓުތަކުގައި ކުރި މަސައްކަތްތައް ނާކާމިޔާބުވުމުންނެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2019 ވަނަ އަހަރު ވަނީ ޗާގޮސްގެ ރަށްތަކުގެ މައްސަލައިގައި މުހިއްމު ނިންމުމެއް ނިންމާފަ އެވެ. އެ ނިންމުމުގައިވާ ގޮތުން ޗާގޮސް ރަށްތަކަށް މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެކެވެ. މިދިޔަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުން ބާރު ހިންގަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.
ބައިނަލްއަގްވާމީ ކޯޓުތަކުގެ ނިންމުންތަކުގައިވާ ގޮތުން ޗާގޮސް އަކީ މޮރިޝަންސްގެ ސިޔާދަތީ ބާރު ހިނގާ ރަށްތަކެކެވެ. އިޓްލޮސްގައި މިހާރު ހިނގަމުންދަނީ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިފާތީ އެ މައްސަލައިގައި ގޮތެއް ނިންމުމާ ގުޅޭ މައްސަލަ އެވެ. ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުމުގައި 95،000 އކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.
ރާއްޖެއިން މީގެކުރިން އަބަދުވެސް އައީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށް ބުނެ ވަކާލަތުކުރަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން މިހާރު ވަނީ ކުރީގެ ސިޔާސަތު ބަދަލުކޮށް ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ މޮރިޝަސް ސަރުކާރަށް ސިޓީ އަކުން ރަސްމީކޮށް އެކަން އަންގާފަ އެވެ.
ދިވެހި ސަރުކާރުން ޗާގޮސްގެ މައްސަލައިގައި ހިފަހައްޓަމުން އައި ސިޔާސަތު މި ސަރުކާރުން ބަދަލުކުުރުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން ވެސް ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްގެން އިޓްލޮސްގައި އޮތް މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ނުދާނެ ކަމަށް ދިވެހި ސަރުކާރުން ދަނީ ބުނަމުންނެވެ. ޗާގޮސްގެ ރަށްތަކުގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ އިނގިރޭސީންގެ އަތުން ކުއްޔަށް ނަގައިގެން އެމެރިކާ އިން ގެންދަނީ އެ ރަށުގައި
އަސްކަރީ މަރުކަޒެއް ހިންގަމުންނެވެ.