ރާއްޖޭގެ އާބާދީ އިތުރުކުރުމަށާއި ދައުލަތުގެ ބަޖެޓަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިސްލާހެއް ހުށަހަޅަން ތައްޔާރުވަމުން އަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ރާއްޖޭގެ މީޑިޔާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރ ޖާބިރު ވިދާޅުވީ، ދައުލަތުގެ ބަޖެޓު އިންތިހާއަށް ބޮޑު ކަމަށާއި އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އެހާ މަތި ކަމަށެވެ. އެކަމަކު، ރާއްޖޭގެ އާބާދީ ހައްތަހާ ދަށްވަމުން އަންނަކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އާބާދީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ކޮންމެ އަންހެނަކު ދިހަ ދަރިން ވިހަންޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.
”ރާއްޖޭގެ އާބާދީ އިތުރުކުރުމަށް ދައުލަތުގެ ބަޖެޓަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އިސްލާހެއް ހުށަހަޅަން އަޅުގަނޑު މިއަންނަނީ ތައްޔާރުވަމުން“ އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއް ބިލިއަނުގެ ބޮޑު އަދަދެއް ބަޖެޓަށް އިތުރުކުރަނީ ވިހެއުމާއި، އެކުދިން ބޮޑެތި ކުރުމަށް ކުރާ ހޭދަތަކަށް ވެސް އެހީވުމުގެ ގޮތުން ކަމަށެވެ. އަދި ތަރައްގީގެ މަގުގައި ކުރިޔަށް ދިއުމަށް އާބާދީ ބޮޑުކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ހަފްތާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވަނީ ޗާގޮސްއަށް އޭނާގެ ޔޮޓުގައި ނައްޓާލަނީކަމަށް ބުނެ އޭނާ އާއި އެކު ދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައުވަތުވެސް ދެއްވާފައެވެ.