ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް އިއްޔެ ދިން މަރުގެ ހަމަލާއިން އެމަނިކުފާނު ސަލާމަތްވެ ވަޑައިގަތުމުން އުފާ ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިމްރާން އަވަހާރަކޮށްލަން ބަޑިން މީހަކު ހަމަލާދިނީ ޕާކިސްތާނުގައި އަވަސް އިންތިޚާބެއް ބާއްވަން ގޮވާލައި ބޮޑު ރެލީއެއް ކުރިއަށް ގެންދަވަނިކޮށް ކޮންޓެއިނަރެއްގެ މަތީގައި ހުންނަވަނިކޮށެވެ.
އެ ހަމަލާއިން އިމްރާން ސަލާމަތްވެވަޑައިގަތީ މީހަކު ބަޑިން ހަމަލާ ދިން މީހާއަށް ހުރަސް އެޅުމުން އޭނާގެ ބަޑީގެ ވަޒަން އެހެން މިސްރާބަކަށް އަމާޒުވުމުން ނެވެ. އެހެން ނަމަވެސް އިމްރާންގެ ޕާޓީގެ އިސް ބޭފުޅަކު އަވަހާރަވެ އަދި އިމްރާންވެސް ޒަހަމްވެ ވަޑައިގަތެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި އިމްރާން ސަލާމަތްވެ ވަޑައިގަތުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ހަމަލާ ކުށްވެރިކުރައްވާ ކަމަކަށް ސީދާ ވިދާޅެއް ނުވެއެވެ. ޓެރަރިޒަމްއާ ދެކޮޅަށް އަބަދުވެސް ބަސް ވިދާޅުވާ ރައީސް ނަޝީދު އެފަދަ ހާލަތްތަކުގައި “ އެންމެ ހަރުކަށި އިބްރާތުން ކުށްވެރިކުރާ ކަމަށް“ އިބާރާތުގައި އާންމުކޮށް ގެންނަވަ އެވެ.
”ޕާކިސްތާނުން މި ހަމަލާގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ. އަޅުގަނޑަށް ޔަގީން އިމްރާން އަލުން ތެދުވެވަޑައިގެން ކާމިޔާބު ހޯއްދަވާނެ“ ރައީސް ނަޝީދުގެ ޓުވީޓުގައި ވެއެވެ.
އެ ހަމަލާއާ ގުޅޭ ގޮތުން ރައީސް އޮފީސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އަދި ޕީޕީއެމްގެ ރައީސް ޔާމީންވެސް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އެހެން ނަމަވެސް އަދާލަތު ޕާޓީއިން ވަނީ ހަމަލާ ކުށްވެރި ކުރައްވައި އިމްރާން ޚާންއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.