ކޮޕް27 ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު މިސްރުގެ ޝާމް-އަލް-ޝާއިޚް އަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ، މިއަދުން ފެށިގެން މިމަހުގެ 9 ވަނަ ދުވަހާއި ހަމައަށް ރައީސް ނަޝީދު މިސްރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 27 ވަނަ ކޮންފެރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް27) ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ގައުމީ ވަފުދުގެ މެމްބަރެއްގެ ގޮތުގައި ކަމަށެވެ.
މަޖިލީހުން ބުނީ، މިމަހުގެ 8 ވަނަ ދުވަހު މިސްރުގައި ބާއްވާ ކްލައިމެޓް ފްރޮސްޕެރިޓީ ޕްލޭންސް ފްލެގްޝިޕް އިވެންޓް: ޕޭވިންގ ދަ ލޭ ފްރޮމް ވަލްނަރެބިލިޓީ ޓު ޕްރޮސްޕެރިޓީގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި ހަރަކާތުގައި މޫސުމީ ތަނަވަސްކަމުގެ ގައުމީ ޕްލޭންތައް އެކުލަވާލުމުގައި ގައުމުތަކުން ހޯދާފައިވާ ކުރިއެރުންތައް ދައްކާލާއިރު، މިބައްދަލުވުމަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އަދި ވަލްނަރަބަލް ގްރޫޕް އޮފް 20 (ވީ20) އިން ރާވާ އިންތިޒާމު ކުރާ ބައްދަލުވުމެއް ކަމަށް މަޖިލީހުން ބުނެއެވެ.
މިސްރަށް ކުރައްވާ ދަތުރުފުޅުގައި ސީވީއެފްއާއި ވީ20 އަދި އެހެނިހެން ގައުމުތަކުގެ އިސް އޮފިޝަލުންނާއި ވެސް ނަޝީދު ބައްދަލުކުރައްވާނެ ކަމަށް މަޖިލީހުން ބުނެއެވެ.
މިވަގުތު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ (ސީވީއެފް)ގެ ވަލްނަރަބަލް ޓްވެންޓީ (ވީ20) ގްރޫޕުގެ ރިޔާސަތު ގާނާއިން ބަލަހައްޓާއިރު، ރާއްޖެއަކީ ވެސް ސީވީއެފްގެ މެމްބަރު ގައުމެކެވެ. ރާއްޖޭގެ ފަރާތުން ސަމިޓުގައި އިންނަވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ނައިބު ރައީސްވެސް ވަނީ މިއަދު މިސްރަށް ފުރާވަޑައިގަންނަވާފައެވެ.
ކޮޕް 27 ސަމިޓުގައި ރައީސް ނަޝީދު ލަންކާ ތަމްސީލުކުރައްވާއިރު، މޫސުމީ ކަންކަމުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައަށް ލަފާދޭ ފަރާތެއްގެ ގޮތުގައި ރައީސް ނަޝީދު މިދިޔަ މަސްތެރޭ ލަންކާގެ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.
މީގެ ކުރިން އެގައުމުގެ އިގްސޯދީ ހާލަތު ރަނގަޅުކުރުމަށް ބޭރު ފައިސާ ހޯދުމަށް ބައިނަލް އަގުވާމީ އެހީ ހޯދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި ވެސް ނަޝީދު ވަނީ އައްޔަންކުރައްވާފަ އެވެ.