އިންޑޮނީޝިއާގެ ފުޓްބޯޅަ މެޗެއްގެ ތެރެއިން 135 މީހުން މަރުވި ހާދިސާ ދިމާވީ ފުލުހުން ޖެހި ކަރުނަ ގޭހުގެ ސަބަބުން ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.
އިންޑޮނީޝިއާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުގެ ރިޕޯޓުގައި ބުނީ އިރުމަތީ ޖާވާގެ މަލަންގްގައި ހުންނަ ކަންޖުރުހާން ސްޓޭޑިއަމްގައި މަރުވި ގިނަ މީހުން މަރުވީ ނޭވާ ހާސްވެގެން ކަމަށެވެ. އޭގެ އިތުރުން އޮކްޓޯބަރު އެއް ވަނަ ދުވަހު އެ ހާދިސާ ހިނގި އިރު، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރި ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން 6 މީހަކާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލި އެވެ. އޭގެ ތެރޭގައި ފުލުހުންނާއި މެޗު ރޭވި މީހުން ހިމެނެ އެވެ.
އިންޑޮނީޝިއާގެ ބީއާރުއައި ލީގާ 1 ގައި އީސްޓް ޖާވާގެ ދެ ޓީމު ކަމުގައިވާ އަރެމާ އެފްސީ އާއި ޕަސެބަޔާ ސުރަބަޔާގެ މެޗަށް ފަހު ދަނޑަށް ސަޕޯޓަރުން އަރައި ހަމަނުޖެހުން ހިންގި އެވެ. އެ މެޗުން 3-2 އިން މޮޅުވީ ޕަސެބަޔާ އެވެ.
މި މެޗު ބަލަން ދަނޑު ފުރެންދެން މީހުން ވަދެ ތިބިއިރު، މެޗުގެ ފަހު ކަށިގަނޑަށް ފަހު ސަޕޯޓަރުން ދަނޑަށް އެރި އެވެ. އެ ވަގުތު، މި ހިނގި ހަމަނުޖެހުން ކޮންޓްރޯލުކުރަން ރަޔަޓް ގިޔަރުގައި ފުލުހުން ނުކުމެ، ކަރުނަ ގޭސް ޖެހީ އެވެ.
”މިއީ ފުޓްބޯޅަ އަށް ލޯބިކުރާ، ފުޓްބޯޅައިގައި ޝާމިލުވެ އުޅޭ އެންމެނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް. މި ހާދިސާގައި ފުރާނެ ގެއްލުނު މީހުންގެ އާއިލާތަކަށް ފީފާގެ ނަމުގައި ތައުޒިޔާ ފޮނުވަން، މި އުނދަގޫ ވަގުތުގައި ފީފާ އާއި މުޅި ދުނިޔޭގެ ފުޓްބޯޅަ ކޮމިއުނިޓީ މި އޮތީ އިންޑޮނީޝިއާއާ އެކު،“ އެ ހާދިސާއަށް ފަހު ފީފާއިން ނެރުނު ބަޔާނުގައި ބުންޏެވެ.
އަދި މިއީ ދުނިޔޭގެ ފުޓްބޯޅައިގެ ހަޔާތުގައިވެސް މިފަދަ ބޮޑު ހަމަނުޖެހުމެއް ހިނގާފައިވާ ފުރަތަމަ ފަހަރުވެސްމެއެވެ. 2023 ވަނަ އަހަރު އިންޑޮނޭޝިޔާގައި ޔޫ20 ވޯލްޑް ކަޕްއަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ހަމަނުޖެހުމާއި ގުޅިގެން ފީފާއިން ވަނީ އެގައުމަށް ސްޓޭޑިއަމްތަކިގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ބަލަންޖެހޭ ހުރިހާ ކަންތައްތަކެއް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ގައުމުގެ ސަލާމަތީ ރައްކާތެރިކަން އިތުރަށް ވަރުގަދަ ކުރުމަށް 3 މަހުގެ މުހުލަތެއް ދީފައެވެ. އަދި މިކަން ރަނގަޅު ނުކުރެވޭ ނަމަ، ޔޫ20 ވޯލްޑް ކަޕުން އިންޑޮނޭޝިޔާ ސަސްޕެންޑް ކުރާނެކަމަށްވެސް ފީފާއިން ހާމަކޮށްފައިވެއެވެ.