ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލަން ބަޑީގެ ހަމަލާއެއްދީފައިވާއިރު، ހަމަލާ ދިން މީހާ ވަނީ އެތަނުން ހައްޔަރުކޮށްފައެވެ.
އިމްރާންއަށް ބަޑިން ހަމަލާ ދީފައި ވަނީ އެނާގެ ޕާޓީން އިންތިޒާމު ކޮށްގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެއްގެ ތެރެއިންނެވެ. ބަޑީގެ ހަމަލާގައި އޭނާގެ ފަޔަށް ވަނީ ވަޒަން އަރައި ޒަޚަމުވެފައެވެ.
ހަމަލާދިން މީހާގެ އިންޓަވިއުއެއް ޕާކިސްތާން ފުލުހުން އާންމުކޮށްފައިވާއިރު، މި ވީޑިއޯގައި އެމީހާ ކުށަށް އިއުތިރާފްވެފައިވެއެވެ. އޭނާ ބޭނުންވީ އިމްރާން ޚާން މަރާލުމަށްކަމަށް ބުނެފައިވެއެވެ. ވީޑިއޯގައި އޭނާ ބުނެފައިވާގޮތުން އިމްރާން ޚާން މަރާލަން ވިސްނީ، ނަމާދު ވަގުތުތަކަށް ބެލުމެއް ނެތި ރިލޭގައި ބާރަށް ލަވަޖަހައި، އަޑުގަދަކޮށް ހަދާތީ ކަމަށާއި، އެކަން އޭނާ އަށް ކަމުނުދިޔައީ ކަމަށް ބުނެފައިވެއެވެ. އަދި މިއީ އޭނާ އަމިއްލަޔަށް ކުރަން ނިންމި ކަމެއްކަމަށްވެސް ބުނެފައިވެއެވެ.
އޭނާ ވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރިލޭގެ ތެރެއަށް ބަޑިޖަހާފައެވެ. އެވަގުތު އޭނާ ހުއްޓުވާފައިވަނީ އެތަނުގައި ހުރި އިމްރާން ޚާންގެ ސަޕޯޓަރެކެވެ. ވީޑިއޯތަކުން ފެންނަގޮތުން ފަހަތުން އައިސް ހުއްޓުވަން އުޅުމުން އޭނާ ދުވެ ފިލަން މަސައްކަތްކޮށްފައި ވެއެވެ.
މިއީ ޚާން އަވަހާރަކޮށްލުމުގެ ނިޔަތުގައި ދީފައިވާ ހަމަލާއެއް ކަމުގައި އޭނާގެ ޕާޓީން ބުނެއެވެ. ހަމަލާގައި މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ޒަޚަމުވި ކަމަށާއި އެކަކު މަރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެއްވެސް ރަސްމީ އިދާރާއަކުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
މި ހާދިސާގައި ޚާން ވެސް ވަރަށް ބޮޑަށް ޒަޚަމުވި ކަމަށާއި އޭނާގެ ހާލުކޮޅު ރަނގަޅު ކަމުގައި އޭނާގެ ޕާކިސްތާން ތަޙްރީކު އިންސާފު (ޕީ.ޓީ.އައި) ޕާޓީގެ ތަރުޖަމާނު ފަވާދު ޗައުދްރީ ވިދާޅުވިއެވެ. މި ހާދިސާއާ ގުޅިގެން ޚާން ވަނީ ލާހޯރުގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދީފައެވެ. މުޒާހަރާގައި ބައިވެރި މީހުން ވަނީ ހަމަލާ ދިން މީހާ ހުއްޓުވާފައެވެ. އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި ހަމަލާއާ ގުޅިގެން ޚާނަށް ތާޢީދުކުރާ މީހުން ވަނީ ޕާކިސްތާނުގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަން ފަށާފައެވެ. އަދި، އޭނާއަށް އިންސާފު ހޯދައިދިނުމަށް އެދި އަޑުއުފުލަން ފަށާފައެވެ. ޕާކިސްތާނުގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށް މި ފަދަ ނުރައްކާތެރި ހަމަލާތައް ދިނުމަކީ އައު ކަމެއް ނޫނެވެ. އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫއަކީ މި ފަދަ ހަމަލާއެއްގައި އަވަހާރަ ކޮށްލާފައިވާ އެއް ލީޑަރެވެ. އޭނާ އަވަހާރަ ކޮށްލާފައި ވަނީ 2007ވަނަ އަހަރުގެ ޑިސެންބަރު މަހު ރާވަލްޕިންޑީގައި ދިން ބަޑިއާއި ބޮމުގެ ހަމަލާއެއްގައެވެ.
ބުއްޓޫގެ ބައްޕާފުޅު ޒުލްފިކާރު ޢަލީ ބުއްޓޫ ވެސް ވަނީ 1979ވަނަ އަހަރު ހިންގި ބަޣާވާތަކަށް ފަހު އަވަހާރަ ކޮށްލާފައެވެ. އެއީ ވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.
ޚާން އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ބޮޑުވަޒީރު ޝަހްބާޒު ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، ހަމަލާ ކުށްވެރި ކުރައްވާފައެވެ. އަދި، މި ހާދިސާގެ ފުރިހަމަ ތަހުޤީޤެއް ހިންގަވާނެ ކަމުގައި ވިދާޅުވެފައެވެ.