ޓެކްސް ނަގާފައި ރައްޔިތުންނަށް ޚިދުމަތްތައް ނުދެވި ނުހުންނާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މިއުވާން މިރޭ ވިދާޅުވެއްޖެެއެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަ އަހަރުން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް، ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށެވެ. ސަރުކާރުން ބޭނުންވި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން މިހާރު ވަނީ ބިލު ފާސްކޮށްފައެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިއުވާން މިރޭ ވިދާޅުވީ އަންނަ އަހަރުގައި ވަރަށް ގިނަ ޚިދުމަތްތަކެއް ދިނުމަށް ރޭވިފައިވާ ކަމަށެވެ. ޓެކްސް ބޮޑުކުރަނީ އެ ޚިދުމަތްތަކުގެ އިތުރުން މިހާރު ދެމުންގެންދާ ޚިދުމަތްތައް ފުޅާކުރުމަށާއި މެދުނުކެނޑި ޚިދުމަތްތައް ދިނުމުގެ ގޮތުން ކަމަށް މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެކްސް ނަގާފައި ރައްޔިތުންނަށް ޚިދުމަތްތައް ނުދެވި ނުހުންނާނެއެވެ.
“ޓެކްސް ބޮޑުކުރެވިގެންދާއިރު މި ދަންނަވާހެން ރައްޔިތުންނަށް ސީދާ ގޮތުން އޭގެ ފައިދާކުރާނެ. މުސާރަ ބޮޑުކުރަންޖެހޭ ފަރާތްތަކަށް މުސާރަ ބޮޑުކުރެވިގެންދާނެ. އަދި އެއާއެކު ހިލޭ ޑިގްރީ ކިޔަވާ ދަރިވަރުންނަށް މީގެ ސަބަބުން މެދުނުކެނޑި ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޔަޤީންކަން ލިބިގެންދާނެ. އަދި އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމުތައް މެދުނުކެނޑި ކުރިއަށްދާނެ.“އޭނާ ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައި ހުރި އަދަދުތަކަކީ ޙަޤީޤަތުގައި ނިސްބަތުން ދަށް އަދަދުތަކެއް ކަމަށެވެ. އަދި ޖީއެސްޓީއަށް ބަލާލާއިރު މި އަންނަނީ ދެ އިންސައްތައިގެ ބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.