އިދިކޮޅު ކޯލިޝަންގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސުން އިންތިޚާބުކުރުމަށް ބާއްވާ ދާއިރާ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކު ހޮވުމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބޭނުންފުޅުވާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު ނަޙުލާ ޢަލީ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ޕީޕީއެމްއިން މިރޭ ބުނެފިއެވެ.
ޕީޕީއެމްއިން ބުނީ އެ ކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުން ގެންދާކަން ފާހަގަވެފައިވާ ކަމަށެވެ. އެ ގޮތުން ޕާޓީއާއި އެއްވެސް ގުޅުމެއް ނެތް ފަރާތްތަކުން އިންތިޚާބުގެ ތެރެއަށް ވަދެ ޕާޓީ ބައިބައި ކުރުމުގެ މަސައްކަތަކެއް ވެސް ކުރަމުންދާ ކަމަށެވެ.
އޭގެތެރޭގައި ޕީޕީއެމް ގެ މެންބަރު ކަމުން ވަކިކޮށްފައިވާ މާލޭ ސިޓީ ކައުންސިލުގައި ވިލިމާލޭ ދާއިރާ ތަމްސީލުކުރައްވާ ކައުންސިލަރ ނަޙުލާ ޢަލީ މި އިންތިޚާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް ބުނަމުންދާ ކަމާއި، އަދި ޕާޓީގެ ރައީސް ގެ ތާއީދު އޮތީ ވެސް ވަކި ކެންޑިޑޭޓަކަށް ކަމަށް ބުނެ ގޭގެއަށް ޒިޔާރަތްކުރުމާއި މީހުންނާ ބައްދަލުކުރުމާއި އަދި ތަފާތު ފޯރަމްތަކުގައި ވެސް އެ ގޮތަށް ބުނަމުންދާ ކަން ވަނީ ފާހަގަވެފައެވެ. އެހެންކަމުން ނަޙުލާ ޢަލީގެ އެ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.“
ޕީޕީއެމްއިން ބުނީ ނަޙުލާ ޢަލީއަށް އެ ކޯލިޝަނުގެ އެތެރޭގެ ކަންކަމާ ބެހި ބަސް ބުނުމުގެ ޙައްޤު އެއްގޮތަށް ވެސް ލިބިގެނެއް ނުވާނެ ކަމަށެވެ. އަދި ނަޙުލާ ޢަލީއާއި އަދި އެ ކޯލިޝަނަށް ނިސްބަތްވާ ޕާޓީއެއްގެ މެންބަރަކަށް ނުވާ ފަރާތްތަކުން ވަކި ކެންޑިޑޭޓަކު ހޮވުމަށް މަސައްކަތްކޮށް ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން މަންފާ ހޯދުމަށް ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވައިލާ ކަމަށެވެ.
އެފަދައިން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ބަލައިނުގަތުމަށް ކޯލިޝަންގެ ދެ ޕާޓީގެ މެންބަރުންނަށް ވެސް އިލްތިމާސް ކުރާކަމަށް ޕީޕީއެމްއިން ބުންޏެވެ.