އިދިކޮޅު ކޯލިޝަންގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސުން އިންތިޚާބުކުރުމަށް ބާއްވާ ދާއިރާ އިންތިޚާބުގެ ވޯޓު ނެގުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބުނީ އެ ކޯލިޝަންގެ ދާއިރާ އިންތިޚާބުގައި ވޯޓު ނަގަން ޖެހޭ ދާއިރާތަކާއި ރަށްރަށުގެ ވޯޓު ނެގުން ކުރިއަށް ގެންދާނީ ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ހަވީރު 4:00 އާއި ހަމައަށް ވޯޓުލުމަށް ކިއޫއާއި ގުޅޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ދެވޭނެ ކަމަށާއި، ނަމަވެސް އޭގެ ފަހުން އިތުރު އެއްވެސް ފަރާތަކަށް ކިއޫ އާއި ގުޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
މި އިންތިޚާބުގައި ވޯޓު ދެވޭނީ ކޯލިޝަންގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާރސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަނިކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ. އަދި ވޯޓު ލާން އަންނަ މީހާއަކީ ކާކުކަން އަންގައިދިނުމަށް ގެންނަ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް ވޯޓު ލުމުގެ ފުރުސަތު ދެވޭނެކަމަށް ބުންޏެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ރަށްރަށުގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު މެންބަރުންނަށް ފޯރުކޮށްދޭނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީން ކަމަށެވެ. އަދި ހުޅުމާލެއާއި ވިލިމާލެ ދާއިރާ ފިޔަވައި މާލޭގެ ދާއިރާތަކާއި ރަށްރަށުގެ މީހުން މާލޭގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހެންވެއިރު ދަނޑުގައިކަމަށް އެ ކޯލިޝަނުން ބުންޏެވެ. ވިލިމާލޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ ޔޫތު ސެންޓަރު އަދި ހުޅުމާލޭ ވޯޓު ފޮށި ހުންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައިކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.