ނަޞްރުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަ ކުރަންޖެހޭ ދުވަހެއް ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނަޞްރުގެ ދުވަސް ފާހަގަ ކުރާއިރު، ހަނދާން އާ ކުރަން ޖެހެނީ ދިވެހީންނަށް ދެން އެފަދަ ދުވަހެއް މެދުވެރި ނުވުމުގެ މަތިވެރި އުންމީދު އާ ކުރަމުން ކަމަށެވެ.
އަދި ނަޞްރުގެ ދުވަސް ފާހަގަކުރާ މި އުފާވެރި މުނާސަބަތާ ކުރިމަތިލާއިރު މި ޤައުމުގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ދަމަހައްޓައި ޤައުމަށް ދިމާވެދާނެ ނުރައްކާތަކުން ސަލަމާތްވުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް އެމްއާރްއެމްއިން ބުންޏެވެ.
”އެމްއާރްއެމްއިން ދެކޭ ގޮތުގައި ނަޞްރުގެ ދުވަހަކީ ޤައުމީ ފެންވަރުގައި ފާހަގަ ކުރަން ޖެހޭ ދުވަހެއް.“
އެމްއާރްއެމްއިން ބުނީ ހަމަލާއާ ގުޅިގެން ދިވެހި ސަރުކާރު އެހީއަށް އެދުނު ޤައުމުތަކުގެ ތެރެއިން އެންމެ އަވަހަށް ރާއްޖެއަށް އެހީ ފޯރުކޮށްދިނީ ރަހުމަތްތެރި އިންޑިއާއިން ކަމަށެވެ. އެހެންކަމުން އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި އިޚުލާސްތެރި ޝުކުރު ދަންނަވާ ކަމަށެވެ.