ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ހަށިކޮޅަށް ބަޑިން ހަމާލާއެއް ދީ ޒަހަމްކޮށްލައިފިއެވެ.
އިމްރާން ޚާންއަށް މި ހަމަލާދީފައިވަނީ ޕާކިސްތާންގެ ލާހޯރްގައި ބޭއްވި އެއްވުމެއްގެ ތެރެއިންނެވެ. ބަޑީގެ ހަމަލާ އަމާޒުވެފައިވަނީ އިމްރާންގެ ފަޔަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާގައި އިމްރާންގެ އިތުރުން އޭނާ ނިސްބަތްވެވަޑައިގަންނަވާ ތަހްރީކީ އިންސާފު ޕާޓީ (ޕީޓީއައި) ގެ ހަތަރު މީހަކަށް ވެސް އަނިޔާވެފައިވެ އެވެ. މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައިވާކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.
ޕާކިސްތާނުގެ މީޑިއާތަކުން ބުނާގޮތުން މި ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާރު ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ.
ކުރީގެ ކްރިކެޓް ތަރި އަދި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އުމުރުން 70 އަހަރުގެ އިމްރާން ޚާން އިސްވެ ހުންނަވައިގެން ޕާކިސްތާނުގައި ބޮޑު އެއްވުމެއް ފެށީ އަވަސް އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ބާރުއެޅުމުގެ ގޮތުންނެވެ.
އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން ބޮޑުވަޒީރުކަމުން ދުރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. އަދި ދާދިފަހުން ޕާކިސްތާނުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިމްރާނަށް އެގައުމުގެ އާންމު އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ހަދާފަ އެވެ.
މި ނިންމުން ނިންމާފައިވަނީ ބޮޑުވަޒީރުކަމުގެ ދައުރުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް އިމްރާން ހިންގަވާފައިވާ ކަމަށް ބުނެ އެވެ.