ވަށައި ޖެހޭ ސިޔާސަތެއްގެ ތެރެއިން ނަފްސާނީ ޞިއްޙަތާއި ގުޅޭ ޙިދުމަތްތައް ލިބޭނެ ގޮތް ހަދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު ރިޔާޒު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ. ރިޔާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވާ ގޮތުގައި ނަފްސާނީ ޞިއްޙަތު ނުވަތަ ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޙިދުމަތްތަކާއި ނަފްސާނީ ޞިއްޙަތުގެ ފަރުވާ ދިނުމާބެހޭ ހަރުދަނާ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަން ފާހަގަކުރައްވާފައިވެއެވެ.
ރާއްޖޭގެ އާބާދީއާ އެކަށޭނަ މިންވަރަށް އެ ޙިދުމަތްތައް ލިބެން ނެތުމާއި، ސަރުކާރުން ހިންގަވާ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗުން ވެސް އެފަދަ ބަލިތަކުގެ ފަރުވާ ހޯދުމަށް ބޭނުންވާ މީހުންގެ ވެއިޓްލިސްޓަށް ބެލިނަމަވެސް އަބަދުވެސް ބޮޑު ކިއުއެއް އޮވެ ފަރުވާއަށް އެދޭ ބަލިމީހުންނަށް އެކަށޭނަ އަވަސްމިނުގައި ފަރުވާގެ ފުރުޞަތު ލިބެމުން ނުދާ ކަމަށް ގަރާރުގައި ވެއެވެ.
ޚާއްސަކޮށް އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އެފަދަ އެއްވެސް ހިދުމަތެއް ލިބެން ނެތުމާއި، އެ ހިދުމަތް ލިބުމުގައި މާލެއާއި އަތޮޅުތެރޭގައި ހުރި ބޮޑު ތަފާތު ކުޑަކޮށް، އަތޮޅުތެރޭގައި އެ ހިދުމަތް ރަނގަޅަށް ގާއިމުކުރަންޖެހޭ ކަމަށެވެ. އަދި އެ ހިދުމަތް ހޯދަން ފަންނީ އަދި ޓެކްނިކަލް މީހުން ރާއްޖެއިން މީހުން ނުލިބޭތީ ބޭރުން ބޭރުން މީހުން ހޯދެން އޮތް އިރުވެސް އެގޮތަށް އަމަލު ނުކުރާ ކަމަށެވެ.
އެހެންކަމުން އެ ބޮޑު މައްސަލައަށް ހައްލެއް ހޯދަން ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް އަތޮޅު ތެރޭގައި ދެވޭ ފަދަ ގޮތަށް ގާއިމުކޮށް ހަރުދަނާ ނިޒާމެއްގެ ތެރެއިން ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނެ ގޮތެއްގައި ލިބޭނެ ގޮތް ހަދަނަ ގަރާރުގައި ގޮވާލައިފައި ވެއެވެ.