ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމްޢިއްޔާއިން ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އަމާޒުކޮށް ޚާއްސަ ފަންޑެއް ހުޅުވައިފިއެވެ.
މި ފަންޑް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި އެ ޖަމްޢިއްޔާއިން ”އަ ނައިޓް އޮފް ހޯޕް“ ނަމުގައި ރޭ ބޭއްވި ޚާއްސަ ހަފުލާގައެވެ. މި ފަންޑް އިފްތިތާހުކޮށްދެއްވީ އެ ޖަމްޢިއްޔާ އުފެދުނީއްސުރެ މިއަދާ ހަމައަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ މަރިޔަމް ޝެނިންއެވެ. ދުނިޔޭގެ ފާޓިލިޓީ ދުވަސް ފާހަގަ ކުރުމުގެގޮތުން ކުރިއަށްދިޔަ މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރު ޕޫޖާ ޓިއްލޫ އާއި ފާޓިލިޓީ ސްޕެޝާލިޓީ ޑޮކްޓަރެއްކަމަށްވާ ޑރ. ސަންކަލްޕް ސިންގްއެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ޑެޕިއުޓީ ހައިކޮމިޝަނަރު ޕޫޖާ ވިދާޅުވީ، ރާއްޖެއާއި އިންޑިއާ އާ ދެޤައުމުގެ ދެމެދުގައި އޮންނަ ރަހުމަތްތެރި ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދައިރާއަށް އެޤައުމުން އެކިގޮތްގޮތުން އެހީތެރިވާ ކަމަށެވެ. މިގޮތުން އިންޑިއާ ސަރުކާރާއި އަމިއްލަ ހޮސްޕިޓަލްތަކުން ރާއްޖޭގެ ސިއްހީދާއިރާގެ ކުރިއެރުމަށް އެކި ރޮނގުރޮނގުން އެހީތެރިކަން ދެމުން އަންނަކަން ސަފީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި ތިބި ދަރިމައިވުމުގެ މައްސަލަތައް ދިމާވެފައިވާ މީހުންނަށް އެހީތެރިވުމަށް ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމްޢިއްޔާއިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާގެ އެމްބަސީގެ ފަރާތުން ދޭންޖެހޭ އެހީތެރިކަން ދެމުން ގެންދަވާނޭކަމަށްވެސް ޕޫޖާ ވަނީ ވިދާޅުވެފައެވެ.
މި ހަފުލާގައި އެ ޖަމްޢިއްޔާއިން ވަނީ އިންޑިއާގެ ޔާމީ ފާޓިލިޓީ ކްލިނިކާ އެކު އިތުރު ދެ ފަރާތަކަށް އައިވީއެފް ހެދުމުގެ ފުރުސަތު ދިނުމަށް ޚާއްސަ މެމޮރޮންޑަމް އޮފް އަންޑަސްޓޭސްޑިންއެއްގައި ސޮއިކޮށްފައެވެ. ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީ ޖަމްޢިއްޔާގެ ފަރާތުން ސޮއި ކުރެއްވީ، ޖަމްޢިއްޔާގެ ފައުންޑާ އަދި ރައީސް އާޝާ ހުސައިންއެވެ. ޔާމީ ފާޓިލިޓީ ކްލިނިކްގެ ފަރާތުން ސޮއި ކުރެއްވީ އެ ކްލިނިކްގެ ފައުންޑާ އަދި ޑިރެކްޓާ ޑރ. ސަންކަލްޕް ސިންގްއެވެ.
އައިވީއެފް ފަންޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅާވެލިފައިވަނީ އުމުރުން 25 އަހަރު ފުރިފައިވާ އަދި މަދުވެގެން ދެ އަހަރުވަންދެން ކައިވެނިކޮށްގެން އުޅޭ ދިވެހި ދެމަފިރިންނަށެވެ. އަދި 25 އަހަރު ނުފުރޭނަމަ ޚާއްސަ ހާލަތްތަކެއްގެ ދަށުން ސިއްހީ ކަންކަމަށް ބަލައި އެ ފުރުސަތު އޮންނާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ. އެޕްލިކޭޝަން ފީގެ ގޮތުގައި 200 ރުފިޔާ ނެގުމަށް ނިންމާފައިވާއިރު، ގުރުއަތުން ހޮވޭ ފަރާތަކަށް ފަންޑް އެވޯޑްކުރުމުގެ ކުރިން ރެކޯޑު ސާފުކުރާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
މި ހަފުލާގައި އެ ޖަމްޢިއްޔާގެ ބައެއް މެންބަރުން ދަރިމައިވުމަށް އެމީހުންކުރި ދަތުރުގެ ތަޖުރިބާ ވަނީ ހިއްސާކޮށްފައެވެ. އަދި ދަރިމައިވުމުގެ ދަތިތައް ތަހައްމަލު ކުރާ އަންހެނެއްގެ އިހުސާސްތައް ދައްކުވައިދޭނެ ފަދަ މުނިފޫހިފިލުވުމުގެ އައިޓަމެއް ޑައޮނީސިއެކުން ވަނީ ހުށަހަޅައިދީފައެވެ.