މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 14ގައި ބާއްވަން ނިންމައިފިއެވެ.
އެ ޕާޓީގއ ގައުމީ ހިންގާ ކައުންސިލްގެ ފުރަތަމަ ޖަލްސާގައި ރޭ ވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްއެންޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމަރީ ބާއްވާނެ ތާރީޚެއް ކަނޑައަޅާފައެވެ. އެ ތާރީޚު ކައުންސިލުން ފާސްކުރީ ހާޒިރުވި 56 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްއެންޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.
އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީ، ދެން ހަރަކާތްތެރި ވާނީ ސަރުކާރު ޒިންމާދާރުކުރުވާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަމަށް ވެސް ފާސްކޮށްފައިއެވެ. އެ ނިންމުން ފާސްކުރީ ވެސް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން، ދައުލަތުން ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލަށް ތާއީދު ނުކުރުމަށް ވެސް އެ ކައުންސިލުން ވަނީ ނިންމާފައެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލުގައި ވަނީ ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމާއެކު ޖީއެސްޓީ އަށް ޕަސެންޓަށް ބޮޑު ކުރާށެވެ. މިހާރު ޖީއެސްޓީން ނަގަނީ ހަ ޕަސެންޓް ކަމަށްވާއިރު ޓީޖީއެސްޓީއަށް ނަގަނީ 12 ޕަސެންޓެވެ.
އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ރިޔާސީ ޓިކެޓު މައި އިދިކޮޅު ޕާޓީ ޕީޕީއެމްއިން ވަނީ އެ ޕާޓީގެ ރައީސް ޔާމީނާ ހަވާލުކޮށްފައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ވަނީ ފާޅުކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ތާރީޚެއް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.