ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލަކީ، މިދިޔަ މަހު 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 24 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އެ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، 14 ދުވަހުގެ ތެރޭގައި، މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީން، އެ މައްސަލައެއް ބެލުމާމެދު ނިންމި ނިންމުން ކޮމިޝަނަށް ފޮނުވަންވާނެކަމުގައި ކަނޑައަޅުއްވާފައިވެއެވެ.
އަދި ތަހްގީގު ރިޕޯޓު ލިބޭތާ، ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، ހަތް ދުވަހުގެ ތެރޭގައި، ރިޕޯޓާ ގުޅޭގޮތުން ތަހްގީގުކުރާ ކޮމިޓީއަށް ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތްކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ކޮމިޓީއަށް ހުށަހެޅުމުގެ އިހްތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
އަދި އެ މުއްދަތު ހަމަވާ ތާރީހުންން ފެށިގެން ރަސްމީ ބަންދުދުވަސްތައް ނުހިމަނައި، ހަތް ދުވަހުގެ ތެރޭގައި ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ޖުމްލަ ގޮތެއްގައި ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވަންވާނެކަމުގައިވެސް ބަޔާންކޮށްފައިވެއެވެ
.
އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ތަހްގީގު ކޮމިޓީން ކޮމިޝަނަށް ފޮނުވާ ރިޕޯޓު، މައްސަލަ ރައްދުވާ ފަނޑިޔާރަށް ކޮމިޝަނުން ފޮނުވަންވާނެކަމަށާއި، ތަހްގީގު ކޮމިޓީގެ ރިޕޯޓާމެދު ކޮމިޝަނުން ގޮތެއް ނިންމަންވާނީ ތަހްގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވުމަށް މައްސަލަ ރައްދުވާ ފަނޑިޔާރަށް ފުރުސަތު ދިނުމަށްފަހުގައިކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.
ރައީސް އެ ބިލު ތަސްގީދު ކުރެއްވުމާ ގުޅިގެން، ޖޭއެސްސީގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފަ އެވެ.