ރައްޔިތުންގެ މަޖިލީހުގެ ބަހެއް ނެތި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލަފުޅަށް ނުނިންމެވޭނެކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވިދާޅުވެއްޖެއެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރުން ކަންކުރި ގޮތް ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ކޮމިޓީއަކުން ބެލުމަށް ގޮވާލައްވައި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ޢަފީފް ވިދާޅުވީ މި މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ފުރަތަމަ އޮތީ އިނގިރޭސިވިލާތާ އެއްކޮށް ކަމަށެވެ. ނަމަވެސް މިހާރު އެއީ މޮރިޝަސްގެ ތަނެކޭ ބުނަންވީ ސަބަބެއް ނޭނގޭ ކަމަށާއި، މޮރިޝަސްގެ އަސްލު ވަޒަންވެރިންނެއް އެތާކު ނޫޅޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ފަޅުރަށެއްގެ ގޮތުގައި އޮތް ތަނެއް ކަމަށާއި، އެ ތަނަށް ފަރަންސޭސިވިލާތު މީހުން އައިސްފައި އެފްރިކާއިން ބަޔަކު ގެނައީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢަފީފް ވިދާޅުވީ ޗާގޯސްގެ ސިޔާދަތަށް ރާއްޖެއިން ދަޢުވާކުރި ނަމަވެސް ނުކުރި ނަމަވެސް، މޮރިޝަސްގެ ސިޔާދަތު ޗާގޯސްގެ މައްޗަށް އޮތްކަމަށް ގަބޫލުކުރެވޭފަދަ ގޮތަކަށް އެއްވެސްކަމެއް ނިންމައިފިނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެބަ ގެއްލޭ ކަމަށެވެ.
ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުން މަޖިލީހުގެ ތާއީދާއެކު ކަން ފާހަގަކުރައްވައި ޢަފީފް ވަނީ މި މައްސަލަ މަޖިލީހަށް ހުށަނާޅައި އަމިއްލަ އަމިއްލައަށް ގޮތް ނިންމީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ. އަދި އެކަމުގައި އޮތް ސިއްރަކީ ކޮބައިތޯ ވެސް އޭނާ ސުވާލުކުރެއްވިއެވެ.
ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވިދާޅުވި ގޮތުގައި މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ރާއްޖެއިން ގަބޫލުކޮށް މިދިޔަ އޮގަސްޓު 22 ގައި އެ ޤައުމުގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
މި މައްސަލައިގައި މިހާރު ވެސް ދަމަހައްޓަމުން ދަނީ މިކަމުގައި އެންމެ ކުރިން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުންއައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާޢުކުރުމުގެ ސިޔާސަތުކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި މައްސަލައިގައި ވެސް އަދި ޚާރިޖީ ދާއިރާއާގުޅޭ އެހެން ކަމެއްގައި ވެސް ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައެއް ނޯންނާނެ ކަމަށާއި ދެން ވެސް މި ސަރުކާރުން އެފަދަ ގެއްލުމަކަށް ޖާގައެއް ނުދޭނެކަމަށް ވެސް ވިދާޅުވެފައެވެ.