ސްޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ޑރ.ޙުސައިން ފާއިޒް މަޤާމުން ވަކިކޮށްފިއެވެ.
ޑީޖޭއޭއިން މިއަދު ބުނީ އޭނާ މަޤާމުން ވަކިކުރަން ނިންމީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ކޯޑް އޮފް ކޮންޑަކްޓާއި ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމުގެ އުސޫލުތަކާ ޚިލާފަށް އޭނާ ޢަމަލުކުރިކަމަށް އެ ޑިޕާޓްމަންޓުން ކުރި ތަޙްޤީޤަށް ސާބިތުވެފައިވާތީ ކަމަށެވެ.
އަދި ސްޕްރީމް ކޯޓުގެ ސެކިއުރިޓީ ހަރުދަނާކުރުމަށްކަމަށް ބުނެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ހަރަކާތްތަކަށް ފާރަލެވޭ ގޮތަށް ކޯޓުތެރޭގައި ސީސީޓީވީ ކެމެރާ ހަރުކުރި ކަމަށާއި, އޭނާގެ ކޮޓަރީގައި ކެމެރާތަކުގެ ލައިވް ފީޑް ލިބޭނެ ގޮތް ހަދައި އޭގެ ބޭނުންކުރިކަމަށް ތަޙްޤީޤަށް ސާބިތުވާ ކަމަށެވެ.
އަދި ކެމެރާ އެޅުމުގެ މަސައްކަތަށް ދެލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ޚަރަދުކޮށްފައިވާއިރު އެކަން ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނާ ގޮތަށް ސްޓޭޓްމަންޓް އޮފް ރިކްވަޔަމަންޓް ތައްޔާރުނުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގެ މަގުސަދާ ޚިލާފަށް ކަމަށެވެ. މި އަމަލު ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަގޮތެއްގައި ކަމަށްވާތީ ސުޕްރީމް ކޯޓުގެ އިދާރީ އިސްވެރިޔާގެ ހައިސިއްޔަތުން އޭނާއަށް ކުރެވޭ އިތުބާރު މިހާރު ވަނީ ގެއްލިފައިކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.