ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރި މަދަނީ ޖަމްޢިއްޔާތަކާ އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބައްދަލުކޮށްފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ ބައްދަލުވުމުގައި ބައިވެރިވީ ހޯޕް ފޯ ވިމެން, މޯލްޑިވްސް ޔޫތު, ޖޫނިއަރ ޗެމްބަރ އިންޓަނޭޝަނަލް ކާފު މޯލްޑިވްސް, އޭ.ބީ.އޭ ރޫލް އޮފް ލޯ, އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް (އޭ.ޑީ.އެމް) އަދި ދިވެހިރާއްޖޭގެ އަދަބީ ޅެންވެރިންގެ ޖަމްޢިއްޔާއިން ކަމަށެވެ.
ޖޭއެސްސީއަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.
ބިލު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ދަށު ކޯޓުތަކާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި, އެ ނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރާނެކަމަށް އޭޖީން ބުނެފައިވާއިރު ބައެއް މުއައްސަސާތަކާ ވަނީ މިހާރު ބައްދަލުކޮށްފައެވެ.