އައްޑޫ ސިޓީ ފޭދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު ހިންދޫ ދީނުގެ ޝިޢާރެއް ފާޅުކުރި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ފޭދޫ މަގު ހެދުމުގެ މަސައްކަތް ފެށީ ހިންދޫ ދީނުގެ އަޅުކަމަކުންނެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ހިންދޫ ދީނުގެ އަޅުކަމަކުން އެ މަސައްކަތް ފަށާ ތަނެވެ. އެ ގޮތުން ތާރު އަޅަން ބޭނުންކުރާ މެޝިނުގެ ކައިރީގައި އަޅުކަން ކުރުމަށްފަހު މެޝިނުގައި ކޮންމެ މީހަކު ކާއްޓަކުން ޖަހައި ކާށި ފަޅައިލާ މަންޒަރު ފެނެއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫޢުއެއްގައި އިސްލާމްދީނާއި، ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް އެހެން ދީނެއްގެ ޝިޢާރެއް ފާޅުކުރި މައްސަލަ މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ޢަލީ ކުށްވެރިކުރައްވައި އެ މައްސަލަ ބެއްލެވުމަށް ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.